ކޯވިޑްގެ އާ ވޭރިއަންޓާއެކު އެމެރިކާގެ ނިއުޔޯކު ސިޓީ ކުއްލި ނުރައްކަލުގެ ހާލަތަށް

photo_2021-11-28_11-31-14

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19ގެ އާ ވޭރިއަންޓް، "އޮމިކްރޯން"އާއިއެކު، އެމެރިކާގެ ނިއުޔޯކު ސިޓީ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނެސްފިއެވެ.

އެ ސިޓީ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނައީ އެ ސިޓީގެ ޞީއްޙީ ދާއިރާއަށް ދިމާވެފައިވާ ސްޓާފުންގެ ދަތިކަމާއި، ހޮސްޕިޓަލްތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައިކަމަށް ނިއުޔޯކުގެ ކަމާއި ބެހޭ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާއިން ކޯވިޑްގެ އާ ވޭރިއަންޓް އޮމިކްރޯންގެ އެއްވެސް ކޭސްއެއް ފެނިފައި ނުވި ނަމަވެސް، ނިއުޔޯކް ސްޓޭޓްގައި ޖެނުއަރީ 5 އާއި ހަމައަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމިގެންދާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

އަދި ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންގެ ބޫސްޓާ ޑޯޒްތައް ރައްޔިތުންނަށް ދިނުމަށްވެސް ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ.

މީގެ އިތުރުން 8 ގައުމަކުން އެމެރިކާއަށް ދަތުރުކުރުން ވަނީ ހުއްޓުވާފައެވެ. މީގެ ތެރޭގައި ސައުތު އެފްރިކާ، ބޮޓްސްވާނާ، ޒިންބާބްވޭ، ނަމީބިއާ، ލެސޯތޯ އާއި އިތުރު ގައުމުތަކެއް ހިމެނެއެވެ. މިއީ އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ ގައުމުތައްކަމަށް ޞީއްޙީ ދާއިރާގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.

ދެކުނު އެފްރިކާއިން ފެނުނު މި ވޭރިއަންޓް 'އޮމިކްރޯން'އާއެކު ޤައުމުތަކުގެ ބޯޑަރުތަކުގައި ފިޔަވަޅުތައް ވަރުގަދަކޮށް، ދެކުނު އެފްރިކާއަށް ދަތުރުކުރާ ފްލައިޓުތައް ދަނީ ކެންސަލް ކުރަމުންނެވެ.

ކޯވިޑު އައު ވޭރިއަންޓު ފެނުނުކަން ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ އެއްޗެއް ގޮތުގައި ބަލައި، މި ވޭރިއަންޓަށް އޮމިކްރޯންގެ ނަމުން އެ ޖަމީއްޔާއިން ވަނީ ނަންދީފައެވެ.

މި ވޭރިއެންޓްއަކީ ހަށިގަޑުގެ ދިފާއީނިޒާމް ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ ވޭރިއެންޓެއް ކަމުގައި ސައިންސްވެރިން ދަނީ ބުނަމުންނެވެ. އަދި ކޯވިޑް-19އާއި ދެކޮޅަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިންތައް މި ވޭރިއެންޓާއި ދެކޮޅަށް ބޭނުން ކުރެވޭކަން ޔަގީން ކުރުމަށް ހަފްތާތަކެއް ނަގާފާނެކަމަށް ރަސްމީ ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *