ށ. ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނަގައިގެން އެރަށުގެ ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައި ބައިވެރިންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެފިއެވެ.
ޖުމްލަ 30 ބައިވެރިންނާއި އެކު މި ކޯސް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވެފައި ވަނީ މި ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދާފައިވަނީ އާއްމުންނަށް އެ ފުރުސަތު ހުޅުވާލައިގެން ކަމަށާއި އެގޮތުގެ މަތީންކަމަށެވެ. އަދި ކޯސް ހިންގަވާ ދެއްވާފައި ވަނީ، މާލޭގެ ފެހުމުގެ ދާއިރާގައި ވަރަށް ތަޖުރިބާކާރު ހުނަރުވެރި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވެފަ ވެއެވެ.
މި ކޯސް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައީ ބިލެތްފަހި ކައުންސިލްގެ ފަރާތުން ކަން އެ ކޮމިޓީއިން ވަނީ ފާހަގަކުރައްވާފައެވެ.
މި ފަހާ ކޯހަކީ 25 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ.