ޖެންސެޓު އެސެމްބަލްކޮށް ފެނަކަ އާ ހަރުފަތަކަށް

photo_2021-11-24_19-37-41

ކަރަންޓު އުފެއްދުމަށް ބޭނުންވާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކުރަން ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތް ފެށީ ރައްޔިތުންނަށްދޭ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު އިތުރަށް ފުޅާކޮށް، ތަރައްޖީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. މި މަސައްކަތް ފެނަކައިން އެންމެ ފުރަތަމަ ފެށީ މި އަހަރުގެ ޖޫން މަހުގައެވެ.

ފެނަކައިން ބުނީ މިހާތަނަށް ހަ ރަށަކަށް ބޭނުންވާ ޖެެންސެޓް، އެސެމްބަލް ކޮށް ކާމިޔާބު ކަމާއެކު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އެކުންފުނިން 100 ކިލޯވޮޓުން ފެށިގެން 1،000 ކިލޯވޮޓާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލް ކުރެވޭއިރު، މިއީ ރާއްޖޭން ބޭރުން ސްޕެއާ ޕާޓުތައް ގެނެސް ރަށްރަށުގެ ވޯކްޝޮޕްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އެސެމްބަލް ކުރާ ޖެން ސެޓުތަކެކެވެ.

މި މަސައްކަތުގެ ސަބަބަބުން ރާއްޖެއިން ބޭރުން އިންޖީނު އެތެރެކުރުމަށްވުރެ ހަރަދު ކުޑަވެފައި ވަގުތު ސަލާމަތްވެ، ދެމެހެއްޓެނިވި އަދި އިތުބާރުހުރި ހިދުމަތެއް ދިނުމަށް މަގުފަހިވާ ކަމަށް ފެނަކައިން ބުންޏެވެ.

މީގެ އިތުރުން މި މަސައްކަތް އިތުރަށް ފުޅާކުރުމަށް، ގދ. ތިނަދޫގައި ގާއިމު ކުރާ ސަރަހައްދީ ވޯކްޝޮޕް އަންނަ އަހަރުގެ ފުރަތަމަ ކުރާޓާގައި އޮޕްރޭޓް ކުރަން ފަށާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ. ޒަމާނީ ފުރިހަމަ ވަސީލަތްތަކާއެކު ގާއިމު ކުރެވޭ އެ ވޯކްޝޮޕް ވެގެންދާނީ ރާއްޖޭގައި އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭ ވޯކްޝޮޕަށް ކަމަށް ފެނަކައިން ބުންޏެވެ.

ރަށްރަށަށް ބޭނުންވާ އާރްއޯ ޕްލާންޓްތައް ވެސް ފެނަކައިން އެސެމްބްލް ކުރެއެވެ. މި ހިދުމަތްވެސް އިތުރު ހަރުފަތަކަށް ގެންދިއުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި