ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، މިއަދު ހަވީރު ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެން އާއި ބައްދަލުކުރައްވައިފިއެވެ.

ނައިބު ރައީސް ފައިސަލް މިހާރު ގެންދަވަނީ ބަންގްލަދޭޝްއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރަށްވަމުންނެވެ.

Ad
rt

މި ދަތުރުފުޅުގެ ތެރެއިން މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ޚާއްޞަ ގޮތެއްގައި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.

މީގެއިތުރުން ނައިބު ވަނީ ، އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލުމުން އެކަމަށް ބަންގްލަދޭޝް ސަރުކާރުން ދެއްވި އެއްބާރުލުން ވެސް ފާހަގަ ކުރަށްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ޚާއްޞަ ގޮތެއްގައި ލާމަރުކަޒީ އުޞޫލުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ހާމަވެގެން ގޮސްފައިވާކަމަށާއި އެކަންކަން ބަލަންޖެހޭކަމުގައި ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ، ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި، މި އަމާޒަށް ވާޞިލުވުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.