ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ހަތް ބިމެއް ދޫކޮށް، ބިންތައް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ހޯރަފުށީގައި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ، މި ނޮވެމްބަރ މަހުގެ 18 ސޮއިކޮށްފައިވާ މި އެގްރީމަންޓްގެ ދަށުން ޖުމްލަ 7 ބިން ދޫކޮށްފައިވާ ކަމަށެވެ. އެއީ 3000 އަކަފޫޓާއި، 4000 އަކަފޫޓްގެ ބިންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

ހޯރަފުށިން ގެސްޓްހައުސް ތަރައްގީކޮށް ހިންގަން އަލަށް ދޫކުރުވުނު މި ބިންތަކުގައި ގެސްޓްހައުސް ތަރައްގީވެގެން ދިޔުމުން އެރަށުގައި ފަތުރުވެރިކަމަށް ޚާއްޞަ 300 އެއްހާ އެނދު ހުންނާނެކަމަށް ކައުންސިލުން ލަފާކުރަށްވައެވެ.

ހޯރަފުށީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ފެށިފައިވާ މަސައްކަތަކީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވި މަސައްކަތެއްކަން ފާހަގަކުރަށްވައި، މި މަސައްކަތުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ހޯރަފުށި ކައުންސިލްގެ ފަރާތުން ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އާއި އެދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ސަލީމް (ސައްލެ)ގެ ނަން ވަނީ ފާހަގަ ކުރަށްވާފައެވެ.

މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ހޯރަފުށީގައި ހުޅުވިގެންދިޔައިރު، އެ އެއާޕޯޓުން ޚިދުމަތްދޭން ފެށިތާ އަހަރެއް ފުރުން މިހަފުތާގައި އެރަށުގައި ވަނީ ފާހަގަކޮށްފައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ސަރަޙައްދީ އެއަރޕޯޓްތައް ސެޓިފައި ކުރުމަށް ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ސެޓިފައިކުރި އެއަރޕޯޓަކަށް ހޯރަފުށީ އެއަރޕޯޓްވެގެން ގޮސްފައިވާއިރު، އެ އެއާޕޯޓާއެކު އެރަށާއި، ސަރަހައްދުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް އައިސް ސީދާ ރައްޔިތުންނަށް ލިބޭ ނަފާވެރިކަން އިތުރުވެގެން ދިޔުމަކީ ހޯރަފުއްޓާއި، އެ ސަރަހައްދުގެ ރައްތަކުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.

ހޯރަފުށިގައި މިވަގުތު ޖުމްލަ 3 ފަރާތަކުން ގެސްޓްހައުސްގެ ޚިދުމަތް ދެމުންދާކަން ފާހަގަ ކޮށްލެވެއެވެ.