ށ. ފޭދޫގައި، އެރަށުގެ ރައްޔިތުންނާއި، ސްކޫލްގެ ދަރިވަރުންނަށާއި، އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހެލުންތެރިކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮއްފިއެވެ.
މި ހަރަކާތަކީ ފޭދޫ ޕޮލިސް ޕޯސްޓާއި ށ. މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ފޭދޫގެ ވަކިވަކި ގޭބިސީތަކަށް ޒިޔާރާތްކޮށް، އާއްމުކޮށް ރަށުތެރޭގައި ހިނގާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ.
އަދި މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކާމެދު ސަމާލުވެ އެފަދަ ކަންކަން މުޖުތަމަޢު ތެރޭގައި ނުހިނގާނެ ފަދަ ގޮތަކަށް މުދަލާއި ފައިސާއާމެދު ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދީފަވެއެވެ.
މީގެ އިތުރުން އެރަށު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ހިއްސާ ކުރެވިފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ޓްރެފިކް މައްސަލައާއި ސައިބަރ ކްރައިމްގެ މައްސަލަ ތަކަކީ ކޮބާކަން ކިޔާދީފައި ވެއެވެ. އަދި ދަރިން އެފަދަ ކުށްތަކުން ސަލާމަތް ކޮށް އެފަދަ ކުށްތަކަށް ހުށައެޅުނަ ނުދިނުމަށްޓަކައި ބެލެނިވެރިންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަން މި ޕްރޮގްރާމްގައި ހިއްސާ ކޮށްފައި ވާނެ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
ދަރިވަރުންނާއި ބެލެނިވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންގައި މައުލޫމާތު ދީފައިވަނީ މިލަންދޫ ޕޮލިސް ސްޓޭޝަންގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޙަލީމްއެވެ.
ފުލުހުން ގެންދަވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!