ޔޫރަޕްގެ ގައުމުތަކުގައި ކޯވިޑް-19 ފެތުރެމުންދާ ދިއުމަށް ހައްލެއް ނުހޯދިއްޖެނަމަ އަންނަ 2022 ވަނަ އަހަރުގެ މާޗް މަހާއި ހަމައަށް އެ ބަލީގައި އިތުރު ބައި މިލިއަން މީހުން މަރުވާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯއިން ބުނެފިއެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ހާމަކޮށްފައިވާ ގޮތުގައި ހުޅަނގުގެ ގައުމުތަކުގައި ކޯވިޑް ފެތުރެމުންދާ ދިއުމަށް ހައްލެއް ނުގެނެވިއްޖެ ނަމަ، 500،000 އަށްވުރެ ގިނަ މީހުން 2022 ވަނަ އަހަރުގެ މާޗް މަހާއި ހަމައަށް މަރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

Ad
rt

ޑަބްލިޔު.އެޗް.އޯގެ ޔޫރަޕް ގައުމުތަކުގެ ޑައިރެކްޓަރު އާއި ހަވާލާދީ ބައިނައްލަޤްވާމީ މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ޔޫރަޕްގެ ގައުމުތަކުގައި އަނެއްކާވެސް ކޯވިޑް ބަލި ހަލުވިކަމާއި އެކު ފެތެރުމުން އަންނަކަމަށާއި، އައު ޤަވަޢިދުތައް އެކުލަވާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ހުޅަނގުގެ ގައުމުތަކުގެ ތެރެއިން ކޯވިޑް ވެކްސިން އެންމެ މަދުން ޖަހާފައިވާކަމަށް ރެކޯޑު ކުރެވިފައިވާ އޮސްޓްރިއާގައި މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 15،809 އަކަށް އަރާފައިވާއިރު، އެގައުމުގެ ސަރުކާރުން އަންނަނީ ވެކްސިން ޖެހުން ލާޒިމްކުރުމަށް އަންނަ ފެބްރުއަރީ މަހުގައި ޤަވައިދެއް އެކުލަވާލުމަށް ތައްޔާރުވަމުންނެވެ. އޮސްޓްރިއާ ސަރުކާރުން ވަނީ ޑިސެމްބަރު 12 އާއި ހަމައަށް އެގައުމު ލޮކްޑައުންކޮށްފައެވެ.

މީގެ އިތުރުން ޗެކް ރިބަޕްލިކް އާއި ސްލޮވޭކިއާގައިވެސް ވަނީ ކޯވިޑްއިން ދިފާއުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ޑަބްލުޔު.އެޗް.އޯ އިން ހާމަކޮށްފައިވާ ގޮތުގައި އަނެއްކާވެސް ހުޅަނގުގެ ގައުމުތަކުގައި ކޯވިޑް ބަލި އިތުރުވަމުން އަންނަނީ ފިނި މޫސުން ފެށުމާއި އެކު ކަމަށާއި އަދި ވެކްސިން ފުރިހަކުރާ މީހުންގެ އަދަދު މަދުމަވުންދާތީކަމަށެވެ.