ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ތިލަދުންމަތީ ދެކުނު ބުރީ ނެއްލައިދޫއަށާއި، އެ އަތޮޅު ވައިކަރަދޫއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސް ނެއްލައިދޫއަށް މި ކުރެއްވި ޒިޔާރަތުގައި ނެއްލައިދޫ ކައުންސިލްއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ނެއްލައިދޫ ސްކޫލްގައި ބޭއްވުނު މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ދަތިތައް ހިއްސާ ކުރައްވާފައެވެ.

Ad
rt

އެގޮތުން ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަން ކަމަށް ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ އިޤްތިސާދު ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅެގޮތުން ވަނީ މަޝްވަރާ ކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ބައްދަލުވުމުގެ ނެއްލައިދޫ ސިއްޚީ މަރުކަޒުން ވަނީ އެތަނުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ނައިބު ރައީސްއަށް ދަންނަވާފައެވެ. އަދި އެތަނުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށާއި އެކަމަށް ސަރުކާރުން އެހީތެރިވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ނެއްލައިދޫ ކައުސިލުންނާއި ސިއްޚީ މަރުކަޒުން ފާހަަ ކުރެއްވި ކަންކަމަށް އަލި އަޅުވާލައްވަމުން ނައިބު ވިދާޅުވީ މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ސަރުކާރާއި ރައްޔިތުންނާއި އޮތް ގުޅުން ބަދަހި ކުރުމުގެ އިތުރުން ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް މަގުފަހި ކޮށްދިނުން ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ ސަރަހައްދުގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއު ތަކުގެ ތެރެއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޓާޝާރީ ފެންވަރަށް މަތި ކުރުމަށް ކުރާ މަސައްކަތަކީ ތިލަދުންމަތީގެ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހައެއް ކަން ފާހަގަ ކުރައްވާފައެވެ.

އަދި މި ސަރަޙައްދުގެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތަކީ މުޅިސަރަހަދުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަންތައްތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ތަރައްޤީއާ ރަށަށް ހެޔޮގޮތްތައް ހޯދުމަށް ވިސްނުން އަބަދުވެސް އިސްކުރެއްވުމަަށް މި ބައްދަލުކުރެއްވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މި ޒިޔާރަތުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވަނީ ނެއްލައިދޫ ސްކޫލްގައި އަލަށް އިމާރާތް ކުރަމުންދާ 2 ކްލާސް ރޫމް ބައްލަވާލެއްވުމުގެ އިތުރުން ނެއްލައިދޫ ސިއްޚީ މަރުކަޒަށް ޒިޔާރަތް ކުރައްވާ އެތަނުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.

މި ފުރުސަތުގައި ނެއްލައިދޫ ކައުންސިލުން ވަނީ ސަރުކާރުން ނެއްލައިދޫގެ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަ ކޮށް އެކަމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.