ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތައް ފުއްދުމުގެ ގޮތުން ކޮންމެވެސް ކަމެއް ނުހިނގާ ރަށެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުގެ ގޮތުން އިއްޔެ ހަވީރު ހޯރަފުށީ އެއާރޕޯޓް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެއަރޕޯޓްފަދަ ތަންތަނަކީ ޚިދުމަތް ހޯދަން އެކި ހިސާބުތަކުން މީހުން އަންނަ ތަންތަންކަން ކަމަށްވެފައި، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ކަންކަން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރަށްވައި، އެކަން އެގޮތަށް ކޮށްދެއްވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖެ ލާމަރުކަޒުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަން ފާހަގަ ކުރަށްވަމުން އެކަން ފުރިހަމަކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރެވެމުންދާތަން މިހާރު ފެންނަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކިދާއިރާތަކުން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ މި 3 އަހަރުގެ ތެރޭގައި ކުރިޔަށްގެންދަވާކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރީޖަނަލް އެއަރޕޯޓްސްގެ މޮނިއުމަންޓް ހުޅުވައިދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓުގެ ފަރާތުންނާއި ހޯރަފުށީ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ބޭއްވި ގަސްއިންދުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ފައިޞަލް ވަނީ އެއަރޕޯޓް ސަރަޙައްދުގައި ގަސް އިންދަވާދެއްވާފައެވެ. އަދި އެމަނިކުފާނު އިއްޔެ ވަނީ ހޯރަފުށީ ހެލްތު ސެންޓަރާއި ހއ.އަތޮޅު ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވައިލައްވައި މުވައްޒަފުންނާ މަޝްވަރާކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!