މި ސަރުކާރަށް 3 އަހަރު ފުރިގެން މަރުހަބާ ކިޔުމުގެ ހިތްވަރު އޭނާއާއި، ކައުންސިލް މެންބަރު މޫސާ ލަތީފްގެ ކިބައިގައި ހުރިކަން ސާބިތުކޮށްދީފި ކަމަށާއި، ނަމަވެސް އެމްޑީއެންއިން އިސްލާމް ދީނަށް ކުރި ފުރައްސާރައާއި ދެކޮޅަށް ބަޔާނެއް ނެރެންކުރި މަސައްކަތް ދިއްދޫ ކައުންސިލްގެ އެމްއެންޑީޕީ މެންބަރުން ނާކާމިޔާބުކޮށްލާފައި ވާތީ ހިތާމަކުރާކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
ދިއްދޫ ކައުންސިލްގައި ތިއްބަވާ 7 މެންބަރުން ތެރެއިން ރައީސް، ރަޝީދުގެ އިތުރުން މެންބަރު މޫސާ ލަތީފަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ބާކީ 5 މެންބަރުން ނިސްބަތްވަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށެވެ.
މި ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން އެކަން ފާހަގަކޮށް، ސަރުކާރަށް މަރުޙަބާ ކިޔައި ބައެއް ކައުންސިލްތަކުން ވަނީ ބަޔާން ނެރެފައެވެ. ނަމަވެސް އެ ގޮތަށް ބަޔާން ނެރުނު ކައުންސިލްތަކުގެ ބަޔާންތަކުގައި މުޅިހެން ސޮއިކޮށްފައި ހުއްޓާ ފެނުނީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ.
ނަމަވެސް ސަރުކާރަށް 3 އަހަރު ފުރުމާއިގުޅިގެން ހއ. ދިއްދޫ ކައުންސިލުން ނެރުނު ބަޔާނުގައި އެކައުންސިލްގައި ތިއްބެވި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ދެ މެންބަރުންކަމަށްވާ ކައުންސިލް ރައީސް، ޢަބުދުﷲ ރަޝީދާއި، މެންބަރު މޫސާ ލަތީފް ވަނީ ސޮއިކުރަށްވާފައެވެ.
އެކަންފާހަގަކުރައްވަމުން ދިއްދޫ ރައީސް ރަޝީދު ވިދާޅުވީ، ސަރުކާރަށް 3 އަހަރު ފުރިގެން އެކަމަށް މަރުހަބާ ކިޔުމުގެ ހިއްވަރު އޭނާއާއި، ކަންސިލް މެންބަރު މޫސާ ލަތީފްގެ ކިބާގައި ހުރިކަން ވާނީ ސާބިތު ކޮއްދީފައިކަމަށެވެ.
ސަރުކާރުން ދިއްދޫގެ ތަރައްޤީ އަށް ކުރާ ހުރިހާ މަސައްކަތެއްގަ ފުރިހަމަ އެއްބާރުލުން ދިނުމަށް ޕީޕީއެމްގެ ލީޑާސިޕުން ވަރަށް ބޮޑަށް ބާރުއަޅާ ހިއްވަރުދޭ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.
"ދެރަކަމަކީ މިސަރުކާރާއި "އެމް ޑީ އެން"އިސްވެ އޮވެ އިސްލާމްދީނަށް ކުރާ މަލާމާތާއި، ފުރައްސާރު ހުއްޓުވަން ދިއްދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެން 4 ފަހަރަށް އެޖެންޑާ ކޮއްގެންގެންވެސް ކާމިޔާބުނުވިކަން." ރަޝީދު ވިދާޅުވިއެވެ.
ރަޝީދު މިހެން ވިދާޅުވިއިރު، ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، ރާއްޖޭގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ރިޕޯޓެއް ނެރުނު މައްސަލަ ދިވެހިންގެ ސަމާލު ކަމަށް އައީ އޮކްޓޫބަރު 3، 2019 ގައެވެ.
މި ސަރުކާރު އައިފަހުން އާންމުކުރި މި ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ކުފުރު ވާހަކަތައް ލިޔެފައިވާއިރު، އެ ރިޕޯޓްގެ މައްސަލަ ދިވެހިންގެ ސަމާލު ކަމަށް ގެނައީ ދީނީ އިލްމުވެރިންނެވެ.
އެ ރިޕޯޓްގެ މައްސަލާގައި ރާއްޖޭގެ 110 ކައުންސިލަކުން ބަޔާން ނެރުނެވެ. ރިޕޯޓް ލިޔުނު މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާ އެ ޖަމާއަތް ވަގުތުން އުވާލަން ގޮވާލިއިރު، އެންމެ ސިޔާސީ ޕާޓީއެއް ނޫން ހުރިހާ ޕާޓީތަކުން ވެސް އެ ޖަމާއަތް ކުށްވެރިކޮށް ވާހަކަ ދައްކާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!