ބޮނބި އޮޅުތަކުގެ ވެރިންގެ ކަންބޮޑުވުންތައް، ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލަށް ބަންޑުންކޮށްލައިފި އެވެ.
ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުން ބޮނބި އޮޅުތައް ނަގަން ސިޓީ ކައުންސިލުން 21 ދުވަހުގެ މުއްދަތެއްދީ، މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަގައި ހުރި ތަކެއްޗަކީ ވެރިޔަކު ނެތް ތަކެތި ކަމަށް ބަލާ ނައްތާލެވޭނެކަމަށް އެންގުމާއި ގުޅިގެން އެރަށުގެ އަންހެންވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކައުންސިލްގެ ފަރާތުން ވަނީ ބޮނބި އޮޅުތަކުގެ ވެރިންނާއި ރޭ ބައްދަލުކޮށްފަ އެވެ.
އެގޮތުން އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ އެސިޓީގެ ބައެއް ސަރަހައްދުތަކުން ބޮނބި އޮޅުތައް ނަގަން ނިންމާފައިވަނީ އިންޑިއާގެ އެހީތެރިކަމާއި އެކު ކުޑަކުދިންގެ ޕާކެއް އެޅުމަށް ނިންމާފައިވާތީ ކަމަށެވެ. އަދި އޭގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ބޮނބިފާލުން ދުވާ ވަހުގެ ސަބަބުން އެކައުންސިލަށް ޝަކުވާ ހުށައަޅަމުންދާ ކަމަށްވެސް އާތިފް ވަނީ ފާހަގަ ކުރައްވާފައެވެ.
ބޮނބި އޮޅުތައް ނަގަން ޖެހޭ ސަރައްދުތައް ފާހަގަ ކޮށް އެކައުންސިލުން ވަނީ މި ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު އިއުލާނެއް ވެސް ނެރެފައެވެ. ބޮނބި އޮޅުތައް ނެގުމަށް 21 ދުވަހުގެ މުހުލަތެއް ދީފައި ވާއިރު އާތިފް ވަނީ އެހާ ކުރު މުއްދަތެއް ދީފައިވަނީ އެމްޓީސީސީއާއި ވެމްކޯއިން ވެހިކަލްގެ އެހީ ލިބޭނެ ކަމަށް ބުނެފައިވަނީ ކުޑަ ދުވަސް ކޮޅަކަށް ކަމަށް ވާތީ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޮޅުތައް ނެގުމުގައި ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށް މުއްދަތު އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އޮޅުތަކުގެ ވެރިންނަށް އެބޭފުޅުންގެ އޮޅުތައް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަށް ވަނީ ކިޔާދެއްވާފައެވެ. އަދި އެކަމާއި ގުޅިގެން އެފަރާތްތަކުގެ ހިޔާލަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މިބައްދަލުވުމުގައި ވަނީ 100 އެއްހާ އަންހެންވެރިން ބައިވެރިވެފަ އެވެ. އަންހެންވެރިންގެ ކަނބޮޑުވުމަކީ އެރަށަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ރޯނުވެށުމުގެ މަސައްކަތް ކުރަމުން އަންނަރަށްވެފައި އެފަދަ ބޮޑު ނިންމުމެއް ކައުންސިލްއިން ނިންމި އިރު އެފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ނުހޯދައި އަދި އެކަން ކުރެވޭނެ އިތުރު ގޮތެއް ފަހި ނުކޮށްދީ އެގޮތަށް ކައުންސިލުން އެންގުމެވެ. އަދި މި އޮޅުތަށް ނަގަން ދިން 21 ދުވަހަކީ ވަރަށް ކުރު މުއްދަތެއްކަމަށާއި މިއީވެސް އެފަރާތްތަކުގެ ކަނބޮޑުވުމަށްވި އެވެ. އެއީ އެއޮޅުތަކަކީ އެތަކެއް ދުވަހެއް ވަންދެން ކޮށްފައިވާ ބުރަ މަސައްކަތަކަށްވާތީކަމަށް އެފަރާތްރަކުން ފާހަގަ ކުރިއެވެ.
ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ބޮނބި އޮޅުތަކުގެ ތެރެއިން ނެގުމަށް ހަމަޖެހިފިވާ ބޮނބިއޮޅުތަކުގެ ވެރިންނާ ރޭ ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ބައްދަލުކުރައްވާފައި!
1/2 pic.twitter.com/Tc3FdwDqK6— Kulhudhuffushi City Council (@kfcitycouncil) November 17, 2021
މީގެ އިތުރުން އެރަށުގެ ޒުވާނުން މިމަސައްކަތަށް ނެރުމަށް ބޭނުންވާކަމަށާއި މިކަމަށް ކައުންސިލުން އެއްބާރުލުން ދިނުމަށްވެސް އެފަރާތްތަކުންވަނީ އެދިފަ އެވެ.
"ކުޅިވަރު ކުޅުމަށް ދަނޑު ހަދަން، ޕާކުފަދަ ތަންތަން ހަދަން ބިންތައް ހާސަކުރެވިފައިވާގޮތަށް ބޮނބިފާކުރުމަށް ވަކި ސަރަހައްދެއް ހާއްސަ ނުކުރެވެންވީ ކީއްވެ؟"
މިބައްދަލުގައި ބައިވެރިވި އަންހެނަކު ކައުންސިލަށް ސުވާލު ކުރަމުން ބުނެފައިވެއެވެ.
ބައްދަލުވުމުގައި ބޮނިބި އޮޅުތަކުގެ ވެރިންގެ ކަންބޮޑުވުން އަޑުއަހައި ހައްލު ހޯދައިދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. ބައްދަކުވުމުގައި ބައިވެރިވެ ހިޔާލާއި މަސްވަރާ ފޯރުކޮށްދީފައިވާ ފަރާތްތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައިވެއެވެ.
ކުޅުދުއްފުށި ސިޓީއަކީ ހދ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަށް ވެފައި އެރަށަށް ވަނީ މިހާރު ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!