ކޯވިޑް-19 ބަލީގައި ރާއްޖެއިން 75 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ.

Ad
rt

މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 2:01 ހާކަށް ހާއިރުއެވެ.

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 248 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވި މަރުތައް މަދުވެފައި ވީނަމަވެސް އަނެއްކާ ވެސް މި ބަލީގައި މަރުވާ މީހުން ގެ އަދަދު އަންނަނީ މަޑުމަޑުން މަތިވަމުންނެވެ. މިގޮތުން މި މަހުވެސް އިތުރު 4 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުވެސް މި ބަލީގައި ވަނީ 10 މީހަކު ނިޔާވެފައެވެ.

ކޯވިޑްގެ ސަބަބުން ރާއްޖޭގައި އެޅި ވަރުގަދަ ފިޔަވަޅުތަކަށްލުއިދީ، އާންމު ހާލަތަށް ގެނެސްފައިވާއިރު، ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް މަޑުމަޑުން އަންނީ މަތިވަމުންނެވެ. އަދި ކޯވިޑް ފެތުރޭ ނިސްބަތް އަތޮޅުތަކުގެ ރަށްތަކުގައި ވަނީ އިތުރުވެފައެވެ.

އިއްޔެވެސް 118 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 35 މީހުންނަކީ ގްރޭޓާ މާލޭ އޭރިއާއަށް ނިސްބަތްވާ މީހުންނެވެ. ރަށްތަކުން 70 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 13 މީހަކު ޕޮޒިޓިވްވެފަވެއެވެ. ރޭގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 90،117 މީހުންނަށް މިބަލިޖެހިފައި ވެއެވެ. އޭގެތެރެއިން ބަލިން ރަނގަޅުނުވެ މިހާރު ތިބީ 2154 މީހުންނެވެ.

މިބަލިން ރައްކާތެރިވުމަށް ރާއްޖޭގައި ދެވޭ ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް 395،125 ޖަހާފައިވާއިރު، 361،197 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.