އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ފާސްކުރަން ވޯޓު ދީފިނަމަ، އެއީ ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ ކަންފަތްމަތީ ތަފާލެއް ޖެހުމެކޭ އެއްފަދަކަމެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްނަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މޮސްޓާވަނީ ވަރަށް ބޮޑަށް ބަޖެޓަށް ފާޑުކިޔާ ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ބަޖެޓްގެ ބަހުސްގައި އޭނާ ތަމްސީލްކުރަށްވާ ދާއިރާއަށް މި ކޯވިޑްގެ ހާލަތުގައި، މަގު ހެދުމަށްވުރެ މުހިންމީ ވަޒީފާގެ ފުރުސަތަކާއި އަސާސީ ޚިދުމަތްތައް ކަަމަށް ވިދާޅުވެފަކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިއަހަރު ބަޖެޓާއި ހަމައަށް އައިއިރު ނޮޅިވަރަމް ދާއިރާގެ ދެރަށުގެ ބޭސްފިހާރާގައި ބޭސް ނެތްކަމަށާއި، ނަމަވެސް އެންމެ މީހެއްގެ ބޭސް ފަރުވާއަށް ދައުލަތުން ދެ މަސްތެރޭ ދެ މިލިއަނުން ތިން މިލިއަނުން ޚަރަދުކޮށްފިކަމަށާއި އަދި ނޮޅިވަރަމް ދާއިރާގެ 5 ހާސް ރައްޔިތުންގެ ހައްގުކޮބާތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ނޮޅިވަރަމް ދާއިރާއަށް ހިމަނާފައި ވަނީ ހައްގު މިންވަރު ނޫންކަމަށާއި، ބަޖެޓްގެ މަޝްރޫޢުތައް ބަހާލުމުގައި އިންސާފުވެރިކަމެއްނެތްކަމަށް ވިދާޅުވެ، މޮސްޓާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ބަޖެޓް ބަހުސްގައި މައިގަނޑުގޮތެއްގައި މޮސްޓާ ފާހަގަކުރެއްވީ ތަފާތު ކުރުމުގެ ޝަކުވާއެވެ. ބަޖެޓުން މަޝްރޫޢުތައް ބަހާލުމުގައި ނުފޫޒުގަދަ މެންބަރުން ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތެވެ.
"އަޅުގަނޑުމެން ހަމަ އަދިވެސް މި ބަޖެޓަށް ހަމަ މިގޮތަށް ރުހުންދީގެން ހަމަ ތިބެންވީތޯއޭ ސަރުކާރުން ހުށަހަޅައިލާހާ ބަޖެޓަކަށް އާންބަސް ބުނެގެން ހަމަ ކުރިއަށް މި އޮތް 5 އަހަރު ވެސް، ދެން އޮންނަ 5 އަހަރު ވެސް؟ އެހެންކަމަށްވެއްޖެއްޔާ، އަޅުގަނޑުމެންނަށް މި ތަރައްޤީއެއް ނުލިބޭނެ." މޮސްޓާ ވިދާޅުވިއެވެ.
ސަރުކާރަށް ސަނާކިޔައިގެން ލިބޭނެ ނަމަ، މިދިޔަ ދެ ދައުރުގައި ބަޖެޓަށް އޭނާ ސަނާކިޔުއްވި ކަމަށާއި، މިދިޔަ ދެ ދައުރުގައި ބަޖެޓަށް ސަރުކާރުން ބޭނުންވި ގޮތަށް ވޯޓުދެއްވިކަމަށް މޮސްޓާ ވިދާޅުވިއެވެ. ނަމަވެސް މި ފަހަރުގެ ބަޖެޓަށް ވޯޓުދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބަޖެޓަށް އަޅުގަނޑުމެން ވޯޓުދީފިއްޔާ އަޅުގަނޑުމެން ދާއިރާ މީހުން ކަންފަތްމަތީގައި ތަފާލެއް ޖެހުމެކޭ އެއްފަދައޭ، މި ބަޖެޓަށް ވޯޓުދީފިއްޔާ. އެހެންވީމާ، އަޅުގަނޑު ބޭނުމެއް ނޫނޭ މި ބަޖެޓު މި އޮތް ގޮތަށް އޮއްވާ ވޯޓުދޭކަށް. އެއީ ވަށާފާރު ރާނަން ޕައުންޑޭޝަން އަޅާފައި ދެން އަންނަ އަހަރު ދެ ފޫޓަށް ރާނާފައި، ދެން އަންނަ، އެއީ އަޅުގަނޑުމެން ބޭނުންވާ ތަރައްޤީއެއް ނޫން." މޮސްޓާ ވިދާޅުވިއެވެ.
ބޭނުންފުޅުވަނީ ވަށާފާރު ވެސް ރާނާ ކަމަށްވާނަމަ އެއް އަހަރުން ރޭނުންކަމަށާއި، 37 ބިލިއަނުގެ ބަޖެޓެއް އޮތްއިރު، ހދ. އަތޮޅުގެ އެއްބައި ދާއިރާތަކަށް 08 މިލިއަން، އަނެއް ބައި ދާއިރާތަކަށް 94، އަނެއް ބައި ދާއިރާތަށް 2 މިލިއަން ޖަހާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އާބާދީގެ ނިސްބަތުން ބަލާއިރު އަޅުގަނޑުމެންގެ ދާއިރާއަކީ ހއ. ގައި އާބާދީގެ ނިސްބަތަށް ބަލައިފި ކަމަށް ވެއްޖެއްޔާ، ދެ ރަށެއްގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށް، ކުޅުދުއްފުށި ފިޔަވައި. ކުޅުދުއްފުށްޓަކީ އެއް ރަށެއްގައި. ދެން އޮތީ ހަނިމާދޫ ދާއިރާ. ހަނިމާދޫ ފިޔަވައި ނޮޅިވަރަމުގައި، ނޮޅިވަރަމަކީ ހދ.ގެ ދެވަނަ އާބާދީ. ހަނިމާދޫއަކީ 3 ވަނަ އާބާދީ. ނޮޅިވަރަންފަރަކީ ހަތަރުވަނަ އާބާދީ އެކަމަކު އާބާދީއަކަށް ވިސްނާފައެއް ނޫން ކަންތައްކުރަނީކީ." މޮސްޓާ ވިދާޅުވިއެވެ.
ތަރައްޤީއަށް ބަލާއިރު އެއްކޮޅުގައި އޮތީ ހަނިމާދޫ އެއަރޕޯޓު ަކަމަށާއި، އަނެއްކޮޅުގައި އޮތީ ކުޅުދުއްފުށީ އެއަރޕޯޓު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކޮންކަމެއްތޯއޭ ހާސިލުވަނީ؟ ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލްކުރެވިދާނެ. އަޅުގަނޑުމެންގެ ރަށުގައި ޓޫރިޒަމް އެބަ ހުރި. އެކަމަކު މި ހުރިހާ ކަމެއް ތަރައްޤީކުރަން ކޮންކަމެއްތޯއޭ މި ބަޖެޓުގައި ހިމަނާފައި ހުރީ؟ ހަނިމާދޫ މަގުތަކުގައި ތާރުއަޅައިގެން އަޅުގަނޑު ކަންބޮޑުވަނީކީ ނޫން. އަޅުގަނޑަށް ވެސް ފަސޭހަ އަޅުގަނޑު ހަނިމާދޫއަށް ދާއިރު ތާރުމަގުތަކުގައި ދުއްވާލަން. އެކަމަކު ދެން ޖެހިގެން އޮތް ރަށަށް ދާއިރު ނަޖިސް ފެނުން ފެންވަރަށް އަޅުގަނޑު ހިތަކަށް ކެތެއް ނުވެއޭ." މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ، އެ ކަންތައްތައް އެގޮތަށް ނުވުމަށް ޓަކައި ހަމަހަމަކަމާއެކު ވަކި ބަޔަކު ހިތްރުއްސުމަށް ޓަކައި، ވަކި ބަޔަކަށް ކަންކޮށްދިނުމަށް ޓަކައި އަދި ވަކި ބައެއްގެ ވަޢުދުތައް ފުއްދުމަށް ޓަކައި ކަންތައްތައް އެގޮތަށް ނުކުރުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ.
އޭނާ އެވާހަކަތައް ނިސްބަތް ކުރަށްވަނީ ވަކިވަކި މެންބަރުންނަށް ނިސްބަތްކޮށެއް ނޫން ކަމަށާއި، މުޅި ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ނިސްބަތްކޮށް ކަމަށް ވެސް މޮސްޓާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!