ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހއ. ހޯރަފުށީގައި ކުރިއަށް ގެންގޮސްފި އެވެ.
މިއީ ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި އެރަށު ކައުންސިލް އަދި ސްވިމިންގ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށެވެ.
މި ޕްރޮގްރާމްގައި، ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރުމުގައި އަމަލުކުރާނެ ގޮތާއި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެހެން މީހުންނަށް ފަތަން ދަސްކޮށްދިނުމުގައި އަމަލުކުރާނެ އެންމެ ރަނގަޅު ގޮތްތައް ދަސްކޮށްދީފައިވެއެވެ.
ފަތަން ދަސްކޮށްދިނުމުގެ ތެރޭގައި ހާދިސާއެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެ ގޮތްތައް އުނގަންނައިދީފައިވެއެވެ.
މިޕްރޮގްރާމްގައި 18 މީހުން ބައިވެރިވެ ހަ ފުލުހުން ހިމެނޭހެން 14 މީހަކު ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!