ހއ. ކެލާ ކައުންސިލްއާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯސް ނިންމާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
އެގޮތުން ރޭގައި ކެލާގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) އެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ މި ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2 ސީނިއާ ސަރޖެންޓްއިން ކަމަށްވާ މޫސާ ރަޝީދު އަދި އަޙްމަދު ޝަފީޤްއެވެ.
މީގެ އިތުރުން 20 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޯސް ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ކަމަށްވެސް އިންފާޒް ވިދާޅުވިއެވެ.

18 އަހަރާއި 45 އަހަރުގެ ފަރާތްތަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ މި ކޯސް 18 ބައިވެރިންނާއި އެކު ފަށާފައިވާ ވާއިރު ކޯސް ފުރިހަމަ ކޮށްފައިވަނީ 15 ބައިވެރިންނެވެ. އަދި އެފަރާތްތަކުން އެރަށު ސްކޫލް ކުދިންނަށް އަމާޒުކޮށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިހާރު ފަށާފައިވާ ކަމަށާއި ކުދިންނަށް ފަތަން ދަސްވެފައި ވޭތޯ ބެލުމަށް އަންނަ އާދިއްތަ ދުވަހު ޓެސްޓް ކުރެވޭނެ ކަމަށްވެސް އިންފާޒް ވިދާޅުވިއެވެ.
މިފަދަ ތަމްރީން ޕްރޮގްރާމެއް ހިންގުމުގެ އެންމެ ބޮޑު މަގްސަދެއް ގޮތުގައި ކައުންސިލުން ފާހަގަ ކުރައްވާފައިވަނީ ރަށުގެ ރައްޔިތުންނާއި ސްކޫލްގެ ދަރިވަރުންނަކީ ކަނޑުމަތީގެ ހާދިސާތަކަށް ހޭލުންތެރި އަދި އެފަދަ ހާދިސާ ތަކުގައި އަމިއްލަ ރައްކާތެރިކަން ހޯދަން އެނގޭނެ ބަޔަކަށް ހެދުމެވެ.
އެގޮތުން ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންނަށް ހާއްސަކޮށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ރޭވިފައި ވާއިރު ސްވިމިން އިންސްޓަކްޓަރުންނަށް ކޯޗިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ.
މި ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލުމަށް ކެލާގެ ރައްޔިތުންނާއި ސްކޫލްއާއި ޕޮލިހުންގެ އިތުރުން އެކަމަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ކެލާ ކައުންސިލްގެ ފަރާތުން ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!