ތިލަދުންމަތީގެ 13 ބޭފުޅެއް ހިމެނޭހެން ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އިނާމް 117 ބޭފުޅަކަށް

198062_b6897b33-b_

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 117 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. މީގެތެރޭގައި ތިލަދުންމަތީގެ ރަށްތަކަށް ނިސްބަތްވާ 13 ބޭފުޅަކު ހިމެނެއެވެ.

އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

މި އިނާމް ލިބިވަޑައިގަތް ތިލަދުންމައްޗަށް ނިސްބަތްވާ ބޭފުޅުން

މުޙައްމަދު މުޚްތާރު، އިލާ/ހއ. ހޯރަފުށި: ދައުލަތަށް 40 އަހަރު ޚިދުމަތްކުރަށްވާފައިވާ މުޙައްމަދު މުޚްތާރު އެންމެފަހުން އަދާކުރަށްވާފައި ވަނީ ހއ. އަތޮޅު މަދަރުސާގެ ސްކޫލް އެޑްމިނިސްޓްރޭޓާކަމުގެ މަޤާމެވެ.

ޢަލީ ނަސީރު އާދަމް، ހުސްނުހީނާގެ/ހއ. ހޯރަފުށި: ދައުލަތަށް 39 އަހަރު ޚިދުމަތްކުރަށްވާފައިވާ ޢަލީ ނަސީރު އެންމެފަހުން އަދާކުރަށްވާފައި ވަނީ ހއ. ކައުންސިލަރުކަމުގެ މަޤާމެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ އަޙްމަދު، ދަނބުވިލާގެ، ހއ. ހޯރަފުށި: ދިވެހިންގެ ފުލުހުންގެ ޚިދުމަތުގައި މިހާރުވެސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަޤާމް ފުރުއްވަމުން ގެންދަވާ ޢަލީ އަޙްމަދު ވަނީ 38 އަހަރު ދައުލަތަށް ޚިދުމަތް ކުރަށްވާފައެވެ.

ޢަލީ ވަޙީދު އުޘްމާން، އާވެހި/ހއ. ހޯރަފުށި: 35 އަހަރު ދައުލަތަށް ޚިދުމަތް ކުރަށްވާފައިވާ ޢަލީ ވަޙީދު މިހާރު ހުންނެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރުގެ މަޤާމުގައެވެ.

މެޖިސްޓްރޭޑް ރިޓަޔަރޑް އަލްއުސްތާޒް އަޙްމަދު ނަސީރު އާދަމް، ފަހިވާ/ހއ. އުލިގަމް: އަލްއުސްތާޒް އަޙްމަދު ނަސީރު އާދަމް އެންމެފަހުން އަދާކުރެއްވި މަޤާމަކީ ހއ. އުލިގަމް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަޤާމެވެ. ޚިދުމަތުގެ މުއްދަތަކީ 40 އަހަރެވެ.

ފަތުހުﷲ އިދުރީސް، މާޒް/ހއ. އުލިގަމް: މިހާރު އުލިގަމު ސިއްހީ މަރުކަޒުގެ ފެމިލީ ހެލްތް އޮފިސަރގެ މަޤާމުގައި ހުންނެވި ފަތުހުﷲ އިދުރީސް ވަނީ 39 އަހަރު ދައުލަތަށް ޚިދުމަތް ކުރަށްވާފައެވެ.

ޚަދީޖާ އަބޫބަކުރު، ހުދުފިނިފެންމާގެ/ހއ. ދިއްދޫ: މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމު އަދާކުރަށްވަމުން ގެންދަވާ ޚަދީޖާ އަބޫބަކުރު ވަނީ 39 އަހަރު ދައުލަތަށް ޚިދުމަތް ކުރަށްވާފައެވެ.

އަޙްމަދު ނަސީރު، އަޒުމް/ހއ. ދިއްދޫ: 38 އަހަރު ދައުލަތަށް ޚިދުމަތް ކުރަށްވާފައިވާ އަޙްމަދު ނަސީރު މިހާރު ހުންނެވީ ހއ. އަތޮޅު ކައުންސިލް އިދާރާގެ ކައުންސިލް އޮފިސަރެއްގެ މަޤާމުގައެވެ.

އައިޝަތު ރަޒިއްޔާ ޢަބުދުލްޙަކީމް، ސަނދުބަރަކާގެ/ހއ. ދިއްދޫ: ކަލާފާނު ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި މިހާރު ހުންނެވި އައިޝަތު ރަޒިއްޔާ ވަނީ 35 އަހަރު ދައުލަތަށް ޚިދުމަތް ކުރަށްވާފައެވެ.

ޢަބުދުﷲ އިބްރާޙީމް، ފަންފެހި/ހދ. ކުޅުދުއްފުށި: ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ މަޤާމުގައި ހުންނެވި ޢަބުދުﷲ އިބްރާޙީމް ވަނީ 40 އަހަރު ދައުލަތަށް ޚިދުމަތް ކުރަށްވާފައެވެ.

ސްޓާފް ސާޖަންޓް އިބްރާޙީމް ރަޝީދު، ވައިލެޓް ހައުސް/ހދ. ފިނޭ: މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސްޓާފް ސާޖަންޓެއްގެ މަޤާމުގައި ހުންނެވި އިބްރާޙީމް ރަޝީދު ދައުލަތަށް ޚިދުމަތްކުރަށްވާތާ 37 ވަނީ ވެފައެވެ.

އަލްއުސްތާޒާ ޙައްވާ މުޙައްމަދު، މާހާ/ހދ. ވައިކަރަދޫ: 36 އަހަރު ދައުލަތަށް ޚިދުމަތްކުރަށްވާފައިވާ އަލްއުސްތާޒާ ޙައްވާ މުޙައްމަދު މިހާރު ހުންނެވީ ޖަމާލުއްދީން ސްކޫލްގެ ޤުރުއާން ޓީޗަރެއްގެ މަޤާމުގައެވެ.

ޢާއިޝަތު ޙުސައިން، ބޮންތި/ހދ.މަކުނުދޫ: އެންމެފަހުން މަކުނުދޫ ސްކޫލްގެ ޕްރައިމަރީ ޓީޗަރެއްގެ މަޤާމް ފުރުއްވި ޢާއިޝަތު ޙުސައިން ވަނީ 36 އަހަރު ދައުލަތަށް ޚިދުމަތް ކުރަށްވާފައެވެ.

ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 5 ބޭފުޅަކު ހިމެނިވަޑައިގަތެވެ. އެ ބޭފުޅުންނަކީ، 56 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މިހާރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގޭގެ ސީނިއަރ ސުޕަވައިޒަރ، ކޮންސަލްޓަންސީގެ މަގާމުގައި ހުންނެވި ގަލޮޅު އޮނުހިރި އަލްފާޟިލް އިބްރާހީމް ޒަކީއާއި، 52 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވި ހެންވޭރު އާދުނި ކާނަލް (ރިޓަޔަރޑް) ރަންވިއްކާ އާދަމް މަނިކާއި، 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވި މާފަންނު ގިނަވެލި ލެފްޓިނަންޓް (ރިޓަޔަރޑް) ޢުމަރު މުޙައްމަދެވެ.

އަދި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މިހާރު ރައިސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ޗީފް، ވީ.އައި.ޕީ. ވެއިޓަރ ކޮންސަލްޓަންސީގެ މަގާމުގައި ހުންނެވި މާފަންނު ފަތްކޯނި އަލްފާޟިލް އިބްރާހީމް ޙަލީމާއި، 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުން، އުމުރުފުޅުން 65 އަހަރުވެގެން ވަކިވެވަޑައިގެންނެވި މާފަންނު ކުންނުމަލާ އަލްފާޟިލާ ފާއިޒާ އަބްދުލްޤާދިރެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ރޭ ލިބިވަޑައިގެންނެވި 117 ބޭފުޅުންގެ ތެރެއިން 32 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އަދި ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން އިނާމު ހާސިލު ކުރެއްވީ 30 ބޭފުޅެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ޢާންމުކޮށް ދެއްވާނީ، އަހަރަކު އެއްފަހަރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. އެހެންނަމަވެސް، މިއީ މި އިނާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވެފައި، ހުށަހެޅުއްވި ބޭފުޅުންގެ އަދަދު ގިނަކަމާއެކު، އެއް ޖަލްސާއެއްގައި ހުރިހާ ބޭފުޅުންނަށް އިނާމު ނުދެއްވޭނެތީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދެއްވުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި