ތަނެއްގައި ވަޒަންވެރިވާނަމަ އެތަނުގެ ބާޒާރަކީ ތިޔާގެ ބާޒާރަކަށް ވާންޖެހޭނެ ކަމަށާއި، އަދި އެތަނުގައި ފަސޭހަ ހަކީމެއް ހުންނަންވާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖަމްޝީދު ވިދާޅުވީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކުޅަ އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ، ސަރަޙައްދުތަކަށް ބޭލޭ މުދަލުން ޑިއުޓީ މާފްކޮށްދިނުމާއި، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތެއްގައި މުދާ ހޯދައިދިނުން ކަމަށެވެ.
ކުޅުދުއްފުށި ސިޓީއަކީ ނުވަތަ އެ ސަރަޙައްދަކީ ޓެކްސް ފައިސާގެ ގޮތުގައި މާލެ ސަރަޙައްދު ފިޔަވައި އެންމެ ގިނަ ފައިސާ ދައްކާ ވިޔަފާރިވެރިން އުޅޭ ސަރަޙައްދު ކަމަށް ޖަމްޝީދު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، ކުޅުދުއްފުށި ސިޓީއަށް ނުވަތަ އެ ސަރަޙައްދަށް ނުވަތަ މަތިއުތުރަށް ވިޔަފާރިވެރިންނަށާއި، އާންމުންނަށް އަރައި ފޭބުމާއި، މުދާ އުފުއްލުމާއި، މުދާ ބާލައި ގެންދިއުމަށް ލުއިފަސޭހަވާނެ ގޮތަށް ، އެކަންކަން ހާސިލްވާނެ ގޮތް މި ބަޖެޓުން ހަމަޖެހިގެންދާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުޅުދުއްފުށި ސިޓީގެ ބަނދަރުގެ ދެވަނަ ފިޔަވަހި އަދިވެސް ނުނިމޭކަން ފާހަގަކޮށްލަން. އަދި ވިޔަފާރި ބަނދަރުގެ މަސައްކަތް ބަޖެޓުން އަޅުގަނޑުމެންނަށް ހާސިލްވާނެ ކަމުގައި ފެންނާތީ، އެކަން ވެސް ފާހަގަކުރަން. ނަމަވެސް، އެ ބަނދަރަކީ މުދާ އަރުވައި ބާލަން ފަސޭހަ ގޮތަކަށް އުފެދޭނެ ބަނދަރެއް ކަމުގައި ދެކެން، އުއްމީދުކުރަން. އަދި އަޅުގަނޑުމެންނަށް އެކަމަށް ބޭނުންވާ މަގުތައް ހެދި، މަގުތައް ބޭނުންކުރެވިގެން ނުވަތަ ފަސޭހަގޮތަކަށް ވެގެންނޫނީ އެންމެ ފުރިހަމައަށް ހާސިލުނުވާނެ ކަމުގައި ނުދެކެން." ޖަމްޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުއްމީދަކީ، 2022 ވަނަ އަހަރުގެ ބަޖެޓުން އެ ކަންތައްތައް ރައްޔިތުންނަށް ފަސޭހަވެގެންދިޔުން ކަމަށެވެ.
"އެނގިލައްވާނެ ފަދައިން، ތިޔާގި ބާޒާރަކާއި ފަސޭހަ ޙަކީމެއް ނެތް ތާކު ވަޒަންވެރިނުވާން އޮންނަނީ. އެހެންކަމުން، ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނަށް ޓަކައި ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަޅުގަނޑުމެން މި ތިބީ ނުހަނު ބޭނުންވެފައި ރިޔާސީ އިންތިޚާބުގެ ތެރޭގައި، ކުޅުދުއްފުށި އައު ހޮސްޕިޓަލު އަޅުގަނޑުމެން އަޑުއެހިން." ޖަމްޝީދު ވިދާޅުވިއެވެ.
މާލީ ވަޒީރު އިބްރާޙީމް އަމީރު ދެއްވާފައިވާ އެންމެ ބޮޑު ޔަގީންކަމަކީ، 2022 ވަނަ އަހަރު އެ ހޮސްޕިޓަލު ރައްޔިތުންނަށް ލިބޭނެކަމުގެ ޔަގީންކަން ކަމަށާއި، އެކަމާ ނުހަނު އުފާކުރާ ކަމަށް ޖަމްޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މާލީ ވަޒީރު ވަނީ، ދުނިޔޭގައި މި ވަގުތު ރަނގަޅުވަމުން އަންނަ 5 އިޤްތިޞާދުގެ ތެރޭގައި ދިވެހި އިޤްތިޞާދު ހިމެނޭ ކަމަށް ވިދާޅުވެފައި ކަމަށާއި، މިއީ އުފާވެރި ޚަބަރާ އެއްކޮށް މި ބަޖެޓާމެދު ކުރެވުނު އުންމީދު ބޮޑުވެގެން ދިޔަކަމަށް ޖަމްޝީދު ވިދާޅުވިއެވެ.
ޖަމްޝީދުގެ ވާހަކާގައި ވަނީ ބަޖެޓުން ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ ނިޔަލަށް ދިރިއުޅޭ ރައްޔިތުންނަށް އުފާވެރިކަން ލިބުން އެދިވަޑައި ގަންނަވާ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ ރިކަރަންޓް ޚަރަދު ޚަލާސްކުރެވިފައިވާތަން ފެނުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!