ހދ. ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގު 2021" 11 ނޮވެމްބަރ 2021 ގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ.
ކުމުންދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުމުންދޫ ޔޫތް ސްޕޯރޓްސް ކުލަބުގެ ފަރާތުން މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ 2020 ވަނަ އަހަރުއެވެ. މިހިނގާ 2021 ވަނަ އަހަރުގެ މުބާރާތަކީ މި ސިލްސިލާގެ ދެވަނަ މުބާރާތެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމް ތަކަކީ ޓާފް ކުއީން، ސަންދިޔާ، ސީ.އެސް.ވުމަން، ބީޗްސިޓީ ވުމަން ގެ އިތުރުން ޒީރު ސްޓާރސްއެވެ.
ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ.
މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުމުންދޫ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭގަނޑުއެވެ. ކޮންމެ ރެޔަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 20:15 ގައެވެ. ދެވަނަ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 21:15 ގައެވެ.
މި މުބާރާތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަވަމުން ކުމުންދޫ ޔޫތު ސްޕޯޓްސްގެ ރައީސް ޖައިލަމް ސާހް ވިދާޅުވެފައި ވަނީ މި މުބާރާތަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަމަށެވެ. މިގޮތުން އެގޮތުން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ ކަނބަލުން މި ކަމަށް ދެއްވާ އެއްބާރުލުމަށް ފާހަގަކޮށް ސާހް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މި މުބާރާތުގެ މެޗުތައް ކުމުންދޫ ޔޫތް ސްޕޯރޓްސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ 2020 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ސީއެސް ވުމަންއެވެ.
ކުމުންދޫ ޔޫތު ސްޕޯޓްސް ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރު ރަޖިސްޓަރީ ކުރެވިފައިވާ ޖަމްޢިއްޔާއެކެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއި އެކު 2011 ވަނަ އަހަރުން ފެށިގެން ޖަމްޢިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށްފަހު އަލުން ރަޖިސްޓަރީގެ ކަންކަން ފުރިހަމަ ކުރުމަށްފަހު، ޖަމްޢިއްޔާގެ ހަރަކާތްތައް ފަށާފައި ވަނީ ފާއިތުވި 2020 ވަނަ އަހަރުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!