ހއ. އިހަވަންދޫގައި ހުންނަ ހިރިގަލު މިސްކިތުގެ ވަޅު މަރާމާތުކޮށް، އެ މިސްކިތުގެ މުންނާރުގައި އުވަލުމުގެ މަސައްކަތް ނިމިއްޖެއެވެ.

އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި މަސައްކަތް ކޮށްފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދެއްވި ފަންނީ ލަފަޔާ އެއްގޮތަށް އެ މަރުކަޒުގެ މުއައްޒަފުން ނެވެ.

Ad
rt

މިމަސައްކަތުގައި އެއްބާރުލުން ދެއްވި މެރިޓައިމް އޭސިއާ ހެރިޓޭޖް ސާރވޭ ޓީމަށާއި، އިހަވަންދޫ ކައުންސިލާއި އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޑިސެމްބަރ 1701.މ ( 15 ރަޖަބް 1113 ޙ ) ވަނަ ސަނަތުގައި އައްސުލްތާން އިބްރާހީމް މުޡުހިރުއްދީން އިހަވަންދޫގައި އިމާރާތްކުރެއްވި ހިރިގަލުގެ މިސްކިތަކީ އިހަވަންދޫގެ ކުރީގެ ހުކުރު މިސްކިތެވެ. މިއީ ވަރަށް ރީތި އާޘާރީ މިސްކިތެކެވެ.

މި މިސްކިތުގެ ޤަބުރުސްތާނުން އުތީމު ހަސަން ރަންނަބަޑޭރި ކިލެގެފާނުގެ އާއިލާގެ މެމްބަރެއްގެ މާހާނަ ފާހަގަކުރެވެއެވެ. އަދި އެކިލެގެފާނުގެ ދަރިކޮޅު އެރަށާއި ކެލާގައިވާކަމަށް ބުނެވެއެވެ.

ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުން ފެށިގެން ވަޒީރުކަން ކުރެއްވި އައްޑޫ ޝަހީދުވި ކުޑަބަނޑޭރި މުޙައްމަދު ތަކުރުފާނުގެ ދަރިކަލުން އަލްވަޒީރު މުޙަައްމަދުގެ މަހާނަ އެމިސްކިތްދޮށުގައި ވެއެވެ. އެރަށަކީ ވެސް ވަނގާރުފަދަ މުހިންމު ބަނދަރެކެވެ. އިހުގައި ވެސް ހަރުދަނާ ބަޔަކު އުޅުނު ރަށެކެވެ.

ހިރިގަލުން ބިނާކޮށްފައިވާ މި މިސްކިތައް، 300 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް ބުނެވެއެވެ. މީގެ އިތުރުންވެސް އިހަވަންދޫއަކީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ބަޠަލް، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު (ޙަސަން ތަކުރުފާނު)ގެ މަންމާފުޅުގެ އުފަންރަށެވެ. އެ ދެބޭފުޅުން އުފަންވެވަޑައިގަތީވެސް އެރަށުގައެވެ.