ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 36.69 މިލިއަން ރުފިޔާއަށެވެ.

އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ މިއީ މިލަންދޫއަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އެގޮތުން މިލަންދޫ އިރުމަތީ ފަރާތް ގިރުމުގެ މައްސަލައަށް މީގެ ސަބަބުން ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިލަންދޫ އިރުމަތީ ފަރާތް އިންތިހާ އަށް ގިރަމައުން ދާ މައްސަލަ އަށް މި ޕްރޮޖެކްޓްގެ ސަބަބުން އިރާދަ ކުރެއްވިއްޔާ ދާއިމީ ހައްލެއް ލިބިގެން ދާނެ"

މެމްބަރު އަލީ ރިޒާ ވިދާޅުވި އެވެ.

ރިޒާ އިތުރަށް ވިދާޅުވީ މިމަސައްކަތް ކުރިއަށްދާނީ 2 ފޭސްއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން މިއަދު މި ހަވާލުކުރެވުނީ މިލަންދޫ ގިރާ ސަރަހަދު ހިމާޔަތް ކުރުމުގެ ފުރަތަމަ ފޭސް އެވެ.

"މާތްﷲ އިރާދަކުރެއްވިޔާ ދެފޭސް އެކީ ނިމިގެން ދާއިރު މުޅީ މައްސަލައަށް ހައްލު ލިބިގެންދާނެ، ދާއިމީ ހައްލެއް ލިބި ރައްޔިތުން ގެ ނުތަނަވަސްކަން އެކުގައި ފިލައިގެން ދާނެ"

މެމްބަރު އަލީ ރިޒާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް އާއި އެކު މިލަންދޫ ގައި ލިންކް ރޯޑްއެއް ހެދުމާއި އިރުމަތީ ފަރާތުން ރައްޔިތުންނަށް މޫދަށް އެރެލެވޭނެ ގޮތެއް ހޯދުމުގެ ވިސްނުމާއި އެކު އެކަމަށް ގަދަ އަޅާ މަސައްކަތް ކުރަމުންދާނެކަމަށް މެމްބަރު އަލީ ރިޒާ ވިދާޅުވި އެވެ.

މި މަސައްކަތް ހަވާލުކޮށް މިލަންދޫ ދާއިރާގެ ތިން ރަށް ތަރައްގީ ކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ވިސްނުންފުޅަށް ރިޒާ ޝުކުރު އަދާ ކުރެއްވިއެވެ.