ހދ. ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ވުމުގެ އިތުރު ފުރުސަތެއްދީ، ރަޖިސްޓްރީ ވުމަށް ހުޅުވާލައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އިތުރު ފުރުސަތު ހުޅުވާލީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުމުގެ ގޮތުން އެ ކައުންސިލުން ކުރިން ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ނުވެވިފައިވާ ފަރާތްތަކަށެވެ.

Ad
rt

އެފަދަ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީ ވެވޭގޮތް ވެސް ސިޓީ ކައުންސިލުން ހަމަޖައްސާފައިވާއިރު، ނޮވެމްނަރު 25 ގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވެވެއެވެ. އަދި 23 ނޮވެމްބަރ 2021 އިން ފެށިގެން 25 ނޮވެމްބަރ 2021 އާދެމެދު ކުޅުދުއްފުށި ކައުންސިލް އިދާރާއަށް ގޮސްގެން ވެސް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ކުޅުދުއްފުށީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އަދާހަމަ ކުރުމަށް އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވާގޮތުން، މިގޮތަށް ރަޖިސްޓްރީވާން ހުށަހަޅާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ނުކުޅެދުންތެރިކަމާބެހޭގޮތުން ލިބިފައިވާ ޑޮކްޓަރީލިޔުން ނުވަތަ ނުކުޅެދުންތެރިކަމާބެހޭ ދާއިރާގެ ޚިދްމަތްތެރިއެއްގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.