ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ރޭ ފަށާފައިވާއިރު، އެ ހިދުމަތާއެކު އެ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތަށް ރަނގަޅު ހެޔޮ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމުގައިދެކިވަޑައިގަންނަވާ ކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

މި ޚިދުމަތް ފެށުމަށް ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުންވެސް ބައިވެރިވެ ވަޑައިގަތެވެ.

Ad
rt

މި ހިދުމަތް ފެށިގެން ދިޔުމާއެކު މޭޔަރު އާތިފް މިއަދު ވިދާޅުވީ، މި ހިދުމަތާ ގުޅިގެން ފުލުހުންނަކީ ހަމައެކަނި ކަމެއް ދިމާވުމުން އެކަމަކަށް ފިޔަވަޅު އަޅަންތިވޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ އިސްވެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކުގެ ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ބަޔަކަށް ވެގެންދާނެކަމުގައި އުންމީދުކުރަށްވާ ކަމަށެވެ.

މޭޔަރު އާތިފް ވަނީ، ފުލުހުންގެ މަސައްކަތް ހަރުދާނާ ކުރުމަށް ކުރައްވާ މަސައްކަތައްޓަކައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދު ﷲ އަށާއި ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދަށާއި އަދި އެންމެހާ ފުލުހުންނަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރަށްވާފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ސީޕީ ހަމީދު ދެއްކެވި ވާހަކާގައި ވަނީ، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެންނަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމުގައި ފާހަގަކުރަށްވާފައެވެ.

ފުލުހުންގެ މަސައްކަތް ބައްޓަންވެ ތަރުތީބުވުމުން ފުލުހުންނަކީ މިހާރަށްވުރެ ބޮޑަށް ކުޅުދުއްފުށި ސީޓީގައި ހުރި ކުށުގެ މައްސަލަތަކަށް މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެ ކަމުގައި ސީޕީ ވަނީ ފާހަގަ ކުރަށްވާފައެވެ.

ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ރޭގައި ފެށިއިރު އިއްޔެ ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އަޅާފައިވާ ފުޓްޝަލް ދަނޑު ރަސްމީކޮށް ހުޅުވާފައެވެ.