ބާރަށު ޒުވާނުންގެ ދިރުމުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބާއްވަނީ

Baarashu zuvaanunge dhirun

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް (ތިލަދުންމައްޗަށް) ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

10 ޑިސެމްބަރ 2021 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދެ ޖިންސަށް ވެސް ވަނީ ހުޅުވާލާފައެވެ. ބާރަށު ޒުވާނުންގެ ދިރުމުގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގެ، ފުރަތަމަ 16 މުބާރާތް ބާއްވާފައި ވަނީ ރަށު ފެންވަރުގައެވެ. ނަމަވެސް މި އަހަރުގެ މުބާރާތް މި ވަނީ ތިލަދުންމަތީގެ ރަށްތަކުގެ ޓީމަތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައެވެ. މިއީ އެ ޖަމްޢިއްޔާއިން މި މުބާރާތް ބާއްވާ 17 ވަނަ ފަހަރެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ހއ އަދި ހދ އަތޮޅުގެ ރަށްރަށުގެ ޓީމުތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ނުވަތަ ސިޓީ 15 ނޮވެމްބަރ 2021 ވަނަ ދުވަހުގެ ރޭ 21:00 ގެ ކުރިން އެ ޖަމުޢިއްޔާގެ އިދާރާ އަށް، ނުވަތަ  ޖަމުޢިއްޔާގެ އީ.މެއިލްއަށް ފޮނުއްވަމުން އެ ފަރާތުން ވަނީ އެދިލައްވާފައެވެ. އެ ޖަމްޢިއްޔާގެ އީ. މެއިލްއަކީ [email protected] އެވެ.

މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ ޖަމްޢިއްޔާގެ ކުޅިވަރާބެހޭ ސެކްރެޓަރީ މުޙައްމަދު ޙަސަންގެ ފޯނު 9996301 އާ ގުޅުއްވަމަށް އެ ޖަމްޢިއްޔާއިން ވަނީ އެދިލައްވާފައެވެ.

ބާރަށު ޒުވާނުންގެ ދިރުމުގެ ރައީސް މުޙައްމަދު އަބްދުލް ހަކީމް "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ މި މުބާރާތަކީ ރަށު ފެންވަރުގައި ފާއިތުވި ތަނުގައި ހިންގަމުން އައިސްފައިވާ ކާމިޔާބު މުބާރާތެއް ކަމަށެވެ. މި އަހަރު މި މުބާރާތް ތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލާފައި މިވަނީ މުބާރާތް އެހެން ފެންވަރަކަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށެވެ. މުޙައްމަދު އިތުރަށް ވިދާޅުވެފައި ވަނީ ބާރަށު ޒުވާނުންގެ ދިރުން ޖަމްޢިއްޔާއަކީ ބާރަށުގައި ޢީދު ކުޅިވަރު ކުޅުމާއި، ވޮލީއާއި ފުޓްބޯޅަ ފަދަ ކުޅިވަރުތަކުން މުބާރާތްތައް ހިންގައި ޒުވާނުންނަށް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ރަނގަޅު މާޒީއެއް އޮތް ޖަމްޢިއްޔާއެއް ކަމަށެވެ.

ބާރަށު ޒުވާނުންގެ ދިރުމަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާއަކީ ފާއިތުވި 28 އަހަރު ދެވަހުގެ ތެރޭގައި ވެސް ހުއްޓުމެއްނެތި ބާރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ހާއްސަކޮށް ރަށުފެންވަރުގައި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ގިނަ މުބާރާތްތަކެއް އެ ޖަމްޢިއްޔާއިން ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި