ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ ވޯރލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) އަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް ޑަބްލިއުޓީއެމްގައި ބައިވެރިވެވަޑައިގެންނެވުމަށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ވަޑައިގެންނެވީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ މި އަހަރުގެ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް "ކޮޕް26" ގައި ބައިވެރިވެވަޑައިގަތުމަށްފަހު މިއަދުއެވެ.
ރައީސް ޞާލިޙް މިއަދު ވަނީ ވޯރލްޑް ޓްރެވަލް މާކެޓްގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގައި ތިބި 58 އަކަށް ވުރެ ގިނަ ފަތުރުވެރިކަމުގެ ވިޔަފާރި ތަމްސީލުކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ކޯވިޑްގެ މި ދަތި އުނދަގުލުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ކަމަށްޓަކައި ހިތްވަރުދެއްވާފައެވެ.
ވޯރލްޑް ޓްރެވަލް މާކެޓަކީ ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިޔަށްގެންދާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއަހަރު އެ ޙަރަކާތް ކުރިޔަށްގެންދަނީ ހައިބްރިޑް ޙަރަކާތެއްގޮތަށެވެ.
މިގޮތުން މި ޙަރަކާތުގެ ޢަމަލީ ބައި ކުރިޔަށްގެންދަނީ ނޮވެމްބަރު 1 ވަނަ ދުވަހުން 3 ވަނަ ދުވަހަށް އެކްސެލް ލަންޑަންގައެވެ. އަދި މި ޙަރަކާތުގެ ވަރޗުއަލް ބައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުން 9 ވަނަ ދުވަހަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!