ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭކަށް އަންގައިފައި ނުވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވިދާޅުވެއްޖެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ރަސްމީ ފޭސްބުކް އަދި ޓްވީޓާ އެކައުންޓް މެދުވެރިކޮށް އެ މިނިސްޓްރީން މިގޮތަށް ވިދާޅުވީ، "ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭން އަންގައިފި" މިގޮތަށް ލިޔެފައިވާ ލިޔުމެއްގެ ސްކްރީންޝޮޓެއް ހިއްސާ ކުރަމުންނެވެ.
އެ ސްކްރީންޝޮޓުން ފެންނަނީ 3 ނޮވެމްބަރުގެ އިސް ހާއިނު، ހާޖަރާގެ ޢަބުދުﷲ ލުތުފީގެ ފޮޓޯއެއްގެ މަތީގައި "ނޮވެމްބަރު 3 ރޭވި ދިވެހިންނަކީ ބާޣީންކަމުގައި ދަރިވަރުންނަށް ކިޔައިނުދޭން އަންގައިފި" މިގޮތަށް ލިޔެފައި ވަނިކޮށެވެ.
މި ސްކްރީންޝޮޓް ހިއްސާކުރައްވަމުން އެ ޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، "ތިރީގައިވާ ޚަބަރަކީ އެއްވެސް އަސްލެއް ނެތް، ކަނޑައެޅިގެން ދޮގު ޚަބަރެއް" ކަމަށެވެ. އަދި މިފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
"ޤައުމީ ގޮތުން ފާހަގަކުރެވޭ މިފަދަ ދުވަސްތަކުގައި ދަރިވަރުންނާ ގުޅުވާ ސިޔާސީ މަންފާ ހޯދުން މި މިނިސްޓްރީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން." އެ މިނިސްޓްރީން ވިދާޅުވެފަ ވެއެވެ.
❌
ތިރީގައިވާ ޚަބަރަކީ އެއްވެސް އަސްލެއް ނެތް، ކަނޑައެޅިގެން ދޮގު ޚަބަރެއް. މިފަދަ އެއްވެސް ކަމެއް ހިނގާފައެއް ނުވޭ.ޤައުމީ ގޮތުން ފާހަގަކުރެވޭ މިފަދަ ދުވަސްތަކުގައި ދަރިވަރުންނާ ގުޅުވާ ސިޔާސީ މަންފާ ހޯދުން މި މިނިސްޓްރީއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. pic.twitter.com/m6RKL1Vpxp
— Ministry of Education (@MoEdumv) November 3, 2021
މިއަދަކީ ދިވެހި ރާއްޖޭގެ ނަސްރުގެ ދުވަހެވެ. މި ދުވަސް ފާހަގަ ކުރަމުން ދަނީ 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ މަދު ހާއިނުންގެ ބަޔަކާއި، ބޭރުގެ ކުލީ ސިފައިން ވެރިރަށް މާލެއަރައި، ރާއްޖޭގެ މިނިވަންކަން ނަގާލަން ހިންގި އުދުވާނުން މި ޤައުމަށް ނަސްރު ލިބިގެން ދިޔަ ދުވަހުގެ ގޮތުގައެވެ.
އަމިއްލަ އެދުމުން ފޯވެފައިތިބި ދިވެހި މަދުބައެއްގެ މޭސްތިރިކަމުގެ ދަށުން ހިންގި މި އުދުވާނުގައި 19 ދިވެއްސަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި 18 ވަރަކަށް ގަޑިއިރަށް ހާއިނުންގެ ކޮންޓޯލް ހާއިނުންގެ އަތްމައްޗަށް ގޮސް، ވެރިރަށް މާލޭގެ ފިހާރަތައް ލޫޓްވައި، އަނިޔާވެރި އަލުތައް ހިންގާފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!