ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ގްރޫޕް އެފްގައި މެންޗެސްޓާ ޔުނައިޓެޑާއި އެޓަލާންޓާ ބައްދަލުކުރި މެޗުން، ޔުނައިޓެޑް ބަލިވާން ދަނިކޮށް މެޗުގެ ފަހުވަގުތުގައި ރޮނާލްޑޯ ޖެހި ލަނޑުން އެ ޓީމް ބަލިނުވެ ސަލާމަތް ވެއްޖެއެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުވެސް ނަގާފައި ވަނީ އެ ޓީމުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ޑުވާން ޒަޕާޓާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އިލިޗިޗެވެ.

Ad
rt

ޔުނައިޓެޑުން ފުރަތަމަ ފަހަރަށް މެޗުގައި ނަތީޖާ އެއްވަރު ކޮށްފައި ވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ތެރޭގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރޮނާލްޑޯއެވެ.

ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. ނަމަވެސް މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނަގާފައި ވަނީ އެޓަލާންޓާއިންނެވެ. މި ލަނޑު 56 ވަނަ މިނެޓެގުގައި ޕަލޮމިނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔަބު ކޮށްދީފައި ވަނީ ޑުވާން ޒަޕާޓާއެވެ.

ޔުނައިޓެޑުން މި މެޗުން ބަލިނުވެ ސަލާމަތްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަސް މިނެޓުގެ ތެރޭގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗުގެ ހީރޯއަކަށް ރޮނާލްޑޯ ވީއިރު، އޭނާ ވަނީ ޔުނައިޓެޑަށް މި ސީޒަންގައި ކުޅެދިން ޗެމްޕިއަންސް ލީގުގެ ހުރިހާ މެޗެއްގައި ވެސް ގޯލު ޖަހާފައެވެ.

ގްރޫޕް އެފްގައި ހިމެނޭ އަނެއް ދެ ޓީމް ކަމަށްވާ ވިޔަރެއާލްއާއި ޔަންގް ބޯއީސް އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރި މެޗު 2-0 ކާމިޔާބު ކޮށްފައި ވަނީ ވިޔަރެއާލްއެވެ.

މި ނަތީޖާތަކާއިއެކު މި ގްރޫޕްގެ އެންމެ ކުރީގައި އޮތް ވިޔަރެއާލްއާއި މެންޗެސްޓާ ޔުނައިޓެޑަށް ވަނީ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ތިންވަނާގައި ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކު އެޓަލާންޓާ އޮތްއިރު މި ފްރޫޕްގެ ފުލުގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ޔަންގް ބޯއީސްއެވެ.