ހދ. ނޮޅިވަރަންފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގެ ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޖަނާޒާ ވޯކްޝޮޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ނޮޅިވަރަންފަރު ޑަބުލިއު.ޑީ.ސީ އާއި ދާރުލް ޤުރުއާން ގުޅިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ 30 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. މި ވޯކްޝޮޕްގެ ސެޝަންތައް ނޮޅިވަރަންފަރު ސްކޫލުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ވޯކްޝޮޕްގައި ބައިވެރިންނަށް ޖަނާޒާގެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވަނީ ދާރުލް ޤުރުއާންގެ ފަރާތުން އަލްއުސްތާޛް ޢަބްދުލް ލަތީފް އަޙްމަދެވެ.

Ad
rt

ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ނޮޅިވަރަންފަރުން ވަނީ ޖުމްލަ 30 ފަރާތެއް ބައިވެރި ވެފައެވެ. އަދި މީގެ އިތުރުން މި ވޯކްޝޮޕްގައި ދާރުލް ޤުރުއާންގެ ކުޅުދުއްފުށީ ކެމްޕަހުގައި ޖަނާޒާ ލެވެލް 2 ގެ ކޯސް ފުރިހަމަ ކުރަމުން އަންނަ 16 ބައިވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

ޖަނާޒާގެ ކަންކަމުގެ ތިއަރީބަޔާއި އަމަލީބައި ވެސް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ކުރިއަށް ދިޔަގޮތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަންފަރު ޑަބްލިއުޑީސީގެ މެމްބަރ އަދި މި ވޯކްޝޮޕްގެ ކޯޑިނޭޓަރ ނަޝީދާ އަޙްމަދު ވިދާޅުވެފައި ވަނީ މި ވޯކްޝޮޕަކީ ކުރިން ބެލެވިފައި އޮތްވަރަށް ވުރެ ކާމިޔާބު ވޯކްޝޮޕެއް ކަމަށެވެ. ކޯހުގެ ބައިވެރިންގެ ފާހަގަކޮށްފައިވާ ގޮތުގައި އެއްދުވަހުގެ ވޯކްޝޮޕެއް ނަމަވެސް މި ވޯކްޝޮޕުން ޖަނާޒާގެ ކަންކަމާއި ގުޅޭ ވަރަށް ގިނަ މަޢުލޫމާތު ލިބިގެން ގޮސްފައިވާކަން ނަޝީދާ ވަނީ ފާހަގަ ކުރައްވާފައެވެ.

ނަޝީދާ ވަނީ މި ވޯކްޝޮޕް ކުރިއަށް ގެންދިޔުމުގައި އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މިގޮތުން ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންދިޔުމުގައި ކުލާސްރޫމް ހަމަޖައްސަވައި ދެއްވި ނޮޅިވަރަންފަރު ސްކޫލާއި ނޮޅިވަރަންފަރު ކައުންސިލާއި، ނޮޅިވަރަންފަރު ޑަބްލިއުޑީސީގެ މެމްބަރުންނާއި، ކުޅުދުއްފުށީ ދާރުލް ޤުރުއާން ކެމްޕަހުގައި ޖަނާޒާ ކޯސް ފުރިހަމަ ކުރަމުން އަންނަ ދަރިވަރުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ނަޝީދާ ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން މި ވޯކްޝޮޕް ކުރިއަށް ގެންދިޔުމަށް ބޮޑު ހިތްވަރެއް ދެއްވި ނޮޅިވަރަންފަރު އެރޯމާ ފާތުމަތު ހުސެއިންއާއި ދާރުލް ޤުރުއާން ކުޅުދުއްފުށީ ކެމްޕަހުގެ ކޯޑިނޭޓަރ އިބްރާހީމް ހަމީދުގެ ނަން ފާހަގަކޮށް އެ ފަރާތްތަކަށް ވެސް ނަޝީދާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން ވޯކްޝޮޕްގައި ކިޔަވައިދެއްވި އުސްތާޛް އަބްދުލް ލަޠީފް އަހްމަދަށް ވެސް ނޮޅިވަރަންފަރު ޑަބްލިއުޑީސީގެ ނަމުގައި ނަޝީދާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ނަޝީދާ އިތުރަށް ވިދާޅުވެފައި ވަނީ މި ވޯކްޝޮޕުން ލިބުނު އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ ޒުވާން މޫނުތަކެއް މިކަމަށް ޝަޢުޤުވެރިވެ މިކަމުގެ ތެރެއިން ފެނިގެންދިޔުން ކަމަށެވެ.