"ރަށްސިގަނޑު" ގެ ނަމުގައި ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ހުޅުވައިފިއެވެ.

އެރަށު އަތިރިމަތީގައި ގާއިމްކުރި މި ޕާކް ހުޅުވާދެއްވީ ދިއްދޫ ފެނަކަ ބްރާންޗްގެ ސްޓޭޝަން އިންޗާރގް މުހައްމަދު ނައީމެވެ.

Ad
rt

އެގޮތުން މި ޕާކް ތަރައްގީކޮށްފައި ވަނީ ދިއްދޫގައި ގިނަ އިޖްތިމާއީ މަސައްކަތްތަކެއް ކުރަށްވަމުން އަންނަ އެރަށުގެ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުންނެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް އެ ކްލަބުން ހުށަައެޅި ޕްރޮޕޯސަލް ކާމިޔާބުވެ، އެ ފަންޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަޝްރޫޢު އެކެވެ.

އެ ޖަމްއިއްޔާގެ ރައީސް ނަޝްވާން އިބްރާހިމް ވިދާޅުވެފައިިވާ ގޮތުގައި މިފަދަ ޕާކްއެއް ރަށުގައި ހެދުމުގެ އެންމެ ބޮޑު މަގްސަދަކީ އާއިލާއާއި ރައްޓެހިންނާއިއެކު ވަގުތު ހޭދަކޮށްލާނެ އުފާވެރި މާހައުލެއް ހޯދާދިނުމެވެ.

އެގޮތުން މި ޕާކްގައި ބާރބަކިޔު ހެދުމަށް ގްރިލްތަކެއް ބެހެއްޓިފައި ވާއިރު އުނދޯލި ތަކާއި ޖޯލި ތަކުގެ އިތުރުން ކުޑަކުދިން ޝައުގުވެރި ކުރުވުމަށް އައުޓްޑޯ ލައިބްރަރީ އެއްވެސް ގާއިމް ކުރެވިފައިވާނެ ކަމަށް ނަޝްވާން ވިދާޅުވިއެވެ.

މިޑްލް ސްޕޯޓްސް ކްލަބުން ވަނީ މިކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މިޑްލް ސްޕޯޓްސް ކްލަބަކީ ދިއްދޫގައި ގިނަ އިޖްތިމާއީ ހަރަކާތްތަކެއް ހިންގަމުން އަންނަ މުރާލި މެންބަރުންތަކެއް އެކުލެވޭ ކްލަބެކެވެ. އެ ކްލަބުން އަންނަނީ އެ ރަށުގައި އުމުރާނީ، އަދި އިޖްތިމާއީ ދާއިރާއިން ހުއްޓުމެއްނެތި މަސައްކަތްތައް ހިންގަމުންނެވެ.