ދުނިޔެ ގަބޫލްކުރާ ޓެކްސްގެ އޮނިގަނޑެއް އޮންނަން ޖެހޭކަމަށް ޖީ20 ސަމިޓްގައި، "ޖީ 20"ގެ ލީޑަރުން އެއްބަސްވެއްޖެއެވެ.
މިހާރު އިޓަލީގެ ރޯމްގައި ކުރިއަށްދާ ޖީ20 ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި 20 ލީޑަރުންގެ އިއްތިފާގުން، ދުނިޔެ ގަބޫލުކުރާ ޓެކްސް އޮނިގަނޑެއް އޮންނަން ޖެހޭ ކަމަށް އެއްބަސްވެ، ބޮޑެތި ވިޔަފާރިތަކުން ޓެކުހުން ރެކެން މަސައްކަތްކުރި ނަމަވެސް އުސޫލީ ގޮތުން އެ ވިޔަފާރިތަކުން އަމަލުކުރަން ޖެހޭ އަމުރެއް އޮތުމަކީ މުހިއްމުކަމެއްކަމަށް ހުރިހާ ލީޑަރުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލްތަކާއި ކޯވިޑް-19 އާއި ބެހޭ ގޮތުން މުހިއްމު މަޝްވަރާތަކެއްކޮށްފައިވާ މި ބައްދަލުވުމަކީ، ކޯވިޑް 19 އާއި ގުޅިގެން ޖީ20 ސަމިޓް ނުބޭއްވި އެއް އަހަރު ދުވަސް ފާއިތުވެގެން ދިއުމަށް ފަހު މުއްސަނދި ގައުމުތަކުން އެއްވެ ބޭއްވުނު ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.
ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކުގެ ލީޑަރުންނާއިއެކު މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ވާޗުއަލްކޮށެވެ.
Here at the G20, leaders representing 80% of the world’s GDP – allies and competitors alike – made clear their support for a strong global minimum tax. This is more than just a tax deal – it’s diplomacy reshaping our global economy and delivering for our people.
— President Biden (@POTUS) October 30, 2021
ހުރިހާ ލީޑަރުންގެ އެއްބަސްވުމާއި އެކު، އެމެރިކާއިން ހުށަހަޅާފައިވާ ޓެކްސް ނެގުމުގެ އޮނިގަނޑު އެކުލަވާލާ 2023 ވަނަ އަހަރުން ފެށިގެން ހުރިހާ ޤައުމަކުން މި އޮނިގަނޑަށް އަމަލްކުރަން ފަށާނެކަމަށް ބައިނައްލަޤްވާމީ ޚަބަރުތަކުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޮވިޑް 19 އާއި ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކާއި ބެހޭ ގޮތުންވެސް ލީޑަރުން ވަނީ މަޝްވަރާކޮށް މިކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ އެކަންކަމަށް އަމަލީ ސިފައެއް ގެނައުމަށްވެސް ވަނީ ވާހަކަތައް ދެކެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!