ހއ. އުތީމުގެ މަގުތަކުގައި ނަންބޯޑު ތަކެއްގެ އިތުރުން ޒަމާނީ ފެންވަރަކަށް ހަދާފައިވާ އެރަށުގެ މައުލޫމާތުތައް ހިމެނޭ ބޯޑެއް ބަނދަރު ސަރަހައްދުގައި ހަރުކޮށްފިއެވެ.

މި ހަރަކާތަކީ އެރަށުގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ވިންގާސް" ޖަމްއިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.

Ad
rt

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިންގާސް ޖަމްއިއްޔާގެ މެންބަރު، މުޙައްމަދު ބަޝީރު ވިދާޅުވީ މި ޕްރޮޖެކްޓްއަކީ ރަށަށް އަންނަ މެހެމާނުންނަށް ރަށުގެ ހާއްސަ ތަންތަނަށް ޒިޔާރަތް ކުރުމަށް އެހީތެރި ވުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ.

އެގޮތުން ރަށުގެ ބަނދަރުގައި ހަރުކޮށްފައިވާ 8 ފޫޓް 4 ފޫޓްގެ ނަންބޯޑުގައި ރަށުގެ ހޮޓާ ރެސްޓޯރެންޓާއި ސަރުކާރު އިދާރާތަކާއި ވިޔަފާރިގެ ތަކުގެ އިތުރުން ރަށުގެ އާސާރީ ތަންތަން ލޮކޭޓް ކޮށްފައިވާ މަގު ޗާޓެއް އިންނާނެ ކަމަށް ބަޝީރު ވިދާޅުވިއެވެ. އަދި މި ޗާޓްގައިވާ ކިއުއާރު ކޯޑް ސްކޭން ކޮށްލުމުން އެތަންތަނާއި ކޮންޓެކްޓް ވާނެ މައުލޫމާތު ތައް ލިބިގެންދާނެ ކަމަށާއި ހޮޓާ އަދި ރެސްޓޯރަންޓް ތަކުން ޑެލިވަރީ ހިދުމަތްވެސް ލިބިގެންދާނެ ކަމަށް ބަޝީރު ވިދާޅުވިއެވެ.

މައުލޫމާތު ހިމެނޭ މި ބޯޑުގެ އިތުރުން ރަށުގެ އެކި ސަރަހައްދު ތަކުގައި ނަން ބޯޑުތައް ވެސް ހަރުކޮށްފައި ވާއިރު ނަންބޯޑުތައް ހަރުކުރުމުގައި އެންމެ ބޮޑަށް އިސްކަންދީފައިވަނީ މަގުގެ ދެކޮޅުންވެސް ނަންބޯޑު ރީތިކޮށް ފެންނާނެ ގޮތަކަށް ހަރުކުރުމަށް ކަމަށް ބަޝީރު ވިދާޅުވިއެވެ.

އެޖަމްއިއްޔާއިން ވަނީ އެ ޕްރޮޖެކްޓް ގައި މާލީ ގޮތުން އެހިތެރިވެދިން އެރަށުގެ ކުންފުންޏެއް ކަމަށްވާ ނޮވެކްސާ މޯލްޑިވްސް ގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުދުﷲ އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށްވެސް އެ ޖަމްއިއްޔާއިން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ވިންގާސްގެ މި އެހީތެރިކަން ފާހަގަކޮށް އުތީމު ކައުންސިލުން ވިދާޅުވީ، އެރަށުގެ މަގުތަކުގައި ނަން ބޯރޑު ހަރުކުރުމުގެ ޕްރޮޖެކްޓް އަކީ އުތީމު ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމެނޭ މަސައްކަތެއް ކަމަށެވެ. އަދި މިމަސައްކަތް ތާވަލުގައި ހިމެނުމުން ޖައުމިއްޔާ ތަކާއި ކުރެވުނު މަސްވަރާތަކާއި އެކު ވިންގާސްއިން އަމިއްލަ އިސްނެގުމުގެ ތެރެއިން އުތީމު ބަނދަރުގައި މައުލޫމާތު ބޯޑު ބެހެއްޓުމާއި އުތީމު މަގުތަކުގައި ނަން ބޯޑު ހަރުކުރުމުގެ ޕްރޮޖެކްޓް ނިމިފައިވާކަން އެކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި ވިންގާސް އިން ކުރީ ބުރަ މަސައްކަތެއް ކަމަށާއި، އެކަން ފާހަގަކޮށް، ވިންގާސްގެ ހުރިހާ މެމްބަރުންނަށާއި، މިކަމުގައި ވިންގާސްއަށް އެހީތެރިވި ފަރާތްތަކަށް އެ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

"ވިންގާސް" ޖަމްއިއްޔާ ރަޖިސްޓްރީ ކޮށްފައި ވަނީ މިއަހަރުގެ މެދު ތެރެރޭގައި ނަމަވެސް އެ ޖަމްއިއްޔާގެ އަމާޒަކަށްވީ މިއަހަރު ނިމުމުގެ ކުރިން ރަށުގެ ތަރައްޤީއަށް ކޮންމެވެސް މަސައްކަތެއް ކޮށްދިނުން ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އެގޮތުން އެ ޖަމްއިއްޔާއިން ފުރަތަމަ ފަށާފައިވާ ޕްރޮޖެކްޓް ކާމިޔާބު ކަމާއިއެކު ނިންމާލެވިފައި ވާއިރު އަންނަ އަހަރަށް ވެސް ރަށުގެ ކުރި މަގަށް ގިނަ ކަންތައް ތަކެއް ރޭވިފައިވާ ކަމަށް އެ ޖަމްއިއްޔާއިން ވަނީ މައުލޫމާތު ދެއްވާފައިވެއެވެ.