ހދ. ނެއްލައިދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ރައްޔިތުންނަށް ހާއްސަ ކޮށްގެން ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮޮގްރާމަކީ، ނެއްލައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ނެއްލައިދޫ ސްކޫލް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ ދީނީ ޢިލްމުވެރިޔާ އައްޝައިހް މުޙައްމަދު ޝާހިދެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ރަޝީދު ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އެންމެ ބޮޑު މަޤްސަދަކީ ނެއްލައިދޫ ރައްޔިތުންނާއި ދަރިވަރުންނަކީ ދީނީ ކަންކަމަށް ހޭލުންތެރި ބަޔަކަށް ހެދުމެވެ.

އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް ހާއްސަކޮށް ދަރުހެއް ދީފައިވާ އިރު ނެއްލައިދޫ ރައްޔިތުންނަށް އަމާޒު ކޮށްގެންވެސް ރޭގައި ވަނީ ދަރުހެއް ކުރިއަށް ގެންގޮސްފައެވެ.

ރައްޔިތުންނަށް ދަރުސް ދެއްވާފައިވަނީ "ތައުހީދު އަދި ދީނީ ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުން" މި މައުލޫއާއި ގުޅޭގޮތުން ކަމަށް ކައުންސިލުން މައުލޫމާތު ދެއްވާފައިވެއެވެ.

މީގެ އިތުރުން ނެއްލައިދޫ ސްކޫލްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވުނު ދަރުސް ހާއްސަކޮށްފައިވަނީ ގްރޭޑް 6 އަކުން ފެށިގެން 12 އާ ދެމެދުގެ ދަރިވަރުންނަށް ކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ. ދަރިވަރުންނަށް ދެއްވި ދަރުހުގެ މައުލޫއަކީ އަޤީދާ ހަރުދަނާ ކުރުމެވެ.

ކައުންސިލުން ވަނީ މިފަދަ ހަރަކާތްތަކުގައި ރައްޔިތުންގެ ފަރާތުން ދެއްވާ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން ކޮންމެ 2 މަހަކުން 1 މަހު ދަރުސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން ނެއްލައިދޫ މަސްޖިދުލް ހައިރާތުގައި އިއްޔެގެ ހުކުރު ނަމާދު އިމާމުވެ ކޮށްފައިވަނީ ވެސް އައްޝައިހް މުޙައްމަދު ޝާހިދު ކަން ފާހަގަ ކޮށްލެވެއެވެ.

އިސްލާމިކް މިނިސްޓްރީން ގެންދަނީ އަތޮޅުތެރޭގެ ކައުންސިލް، ސްކޫލްތަކާއި ގުޅިގެން ދީނީގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވަމުންނެވެ.