ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓް ހެދުމުގެ ޙިދުމަތް ދޭން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން "ތިލަދުން" އަށް މައުލޫމާތު ދެއްވިގޮތުގައި މިއަދު ހެނދުނު 8 ޖެހި އިރު މި ޙިދުމަތް ދޭން ފަށާފައި ވާއިރު ހަފްތާ ގެ ކޮންމެ ދުވަހެއްގެ ވެސް ލެބޯޓްރީ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ޚިދުމަތް ލިބެމުން ދާނެއެވެ.

Ad
rt

އެގޮތުން މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާއިތުވި 1 އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން ހުރިހާ ވަސީލްތަތައް ހަމަވެފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މީގެ އިތުރުން މި ޓެސްޓްތައް ހެދުމަށް ވަކި ހާއްސަ އެޕޮއިންޓްމެންޓްއެއް ހައްދަން ނުޖެހޭނެ ކަމަށާއި ލެބޯޓްރީގެ އެހެން ޓެސްޓްތައް ހައްދާ ގޮތަށް ޑޮކްޓަރުގެ ލިޔުމަކާއިއެކު ޓެސްޓްތައް ހެދިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އަލަށް ތަޢާރަފް ކުރެވުނު މި ޚިދުމަތާއިއެކު އެ ހޮސްޕިޓަލުން ހެދިގެންދާނެ ޓެސްޓް ތަކަކީ:

- ސީރަމް ލޫޓަނައިޒިންގ ހޯމޯން
- ފޮލިކަލް ސްޓިމިއުލޭޓިން ހޯމޯން
- ޕްރޮޖެސްޓެރޯން
- ޓެސްޓެސްޓެރޯން
- އެސްޓްރަޑިއޯލް
- ޕްރޮލެކްޓިން

އެ ހޮސްޕިޓަލުން އިތުރަށް ވިދާޅުވެފައިވަނީ އަލަށް ތައާރަފް ކުރެވޭ ކޮންމެ ޚިދުމަތާއިއެކު ރައްޔިތުންނަށް އިތުރު ފަސޭހަ ތަކެއް ލިބުމުގެ އިތުރުން ހޮސްިޓަލަށް ވެސް ކުރިއެރުންތަކެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެގޮތުން ދަރިމައިވުމާއި ގުޅުންހުރި ކޭސްތައް އަތޮޅު ތެރެއިން ވެސް ވަރަށް ގިނައިން އަންނަ ކަމަށާއި، އަދި މި ޚިދުމަތް އަތޮޅު ހޮސްޕިޓަލުން ދެވެން ފެށުމާއިއެކު އެފަރާތްތަކަށް އެކަމުގެ ސަބަބުން ވަރަށް ގިނަ ލުއި ތަކެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން އަންނަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކޮށް، އިތުރު ވަސީލަތްތައް ގާއިމު ކުރަމުންނެވެ. އަދި އެ ހޮސްޕިޓަލަކީ ޚިދުމަތް ދިނުމުގައި ހއ. އަތޮޅާއި ހދ. އަތޮޅުގެ އުތުރުބިތުގެ ރަށްތަކުގެ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ހޮސްޕިޓަލެކެވެ.