ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި އަދި މުވައްޒަފުން ވެގެން 67،202 ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ.

މިއީ އެއްފަހަރު ބޭނުން ކުރުމަށްފަހު އެރަށުގެ އެކިތަންތަނަށް ދޫކޮށްލާފައި ހުރި ޕްލާސްޓިކް ފުޅިއެވެ. މި ފުޅިތައް ރިސައިކަލް ކުރުމަށް ހަވާލުކުރާނީ ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާ އެވެ.

Ad
rt

މިއީ "ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ"ގެ ދަށުން އެ ސްކޫލުން މިޒާތުގެ ޕްލާސްޓިކްފުޅި އެއްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ބުރުގައި ވަނީ 1.26 ޓަނު ޕްލާސްޓިކް އެއްކޮށްފައެވެ. އެއީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ސްކޫލުން އެއްކުރި ޕްލާސްޓިކެވެ.

މިގޮތުން 50 ޖަމްބޯ ބޭގްގެ ޕްލާސްޓިކް ރިސައިކަލް ކުރަން އެފަހަރު ޕާލޭއާއި ހަވާލުކުރީ 2020ވަނަ އަހަރުގެ ފަހުކޮޅެވެ.

ނޮޅިވަރަންފަރު ސްކޫލުން މިފަހަރު 67 ހާހަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށްފައިވާއިރު، އެ ސްކޫލުން ވަނީ އެ މަސައްކަތުގައި ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި އެ މަސައްކަތަށް އެރަށުގައި ހުންނަ ގެސްޓް ހައުސްއެއްކަމަށްވާ، ''ނޮޅި އެސްކޭޕް'' ގެސްޓް ހައުސްއިން ދިން އެއްބާރުލުން ވެސް ވަނީ ފާހަގަކޮށްފައެވެ.

ރިސައިކަލް ކުރުމަށް ''ޕާލޭ ފޮރ ދަ އޯސަންސް'' އާއި ހަވާލު ކުރުމަށް ނޮޅިވަރަންފަރު ސްކޫލުން ދެވަނަ ފަހަރަށް ޕްލާސްޓިކް އެއްކުރިއިރު، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ 12 ބާވަތެއް ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، އެ ބާވަތްތައް ރާއްޖެ އެތެރެކުރުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، ރާއްޖެ އެތެރެކުރުން މަނާކުރި ބާވަތްތައް:

  • ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި (އެތެރެކުރުން މަނާވީ، 1 ޖޫން 2021 ފެށިގެން)
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު، (އެތެރެކުރުން މަނާވީ، 1 ޖޫން 2021 ފެށިގެން)
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު، (އެތެރެކުރުން މަނާވީ، 1 ޖޫން 2021 ފެށިގެން)
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، (އެތެރެކުރުން މަނާވީ، 1 ޖޫން 2021 ފެށިގެން)
  • ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު، (އެތެރެކުރުން މަނާވީ، 1 ޖޫން 2021 ފެށިގެން)
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ، (އެތެރެކުރުން މަނާވީ، 1 ޖޫން 2021 ފެށިގެން)
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި، (އެތެރެކުރުން މަނާވީ، 1 ޖޫން 2021 ފެށިގެން)
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު، (އެތެރެކުރުން މަނާވީ، 1 ޖޫން 2021 ފެށިގެން)
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، (އެތެރެކުރުން މަނާވީ، 1 ޖޫން 2021 ފެށިގެން)
  • ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)، (އެތެރެކުރުން މަނާވީ، 1 ޖޫން 2021 ފެށިގެން)
  • 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، (އެތެރެކުރުން މަނާވަނީ، 1 ޑިސެމްބަރު 2022)
  • 1 ލީޓަރާއި އެއަށް ވުރެ ކުދި ޕެޓު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، (އެތެރެކުރުން މަނާވަނީ، 1 ޑިސެމްބަރު 2023)

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އިޢުލާނު ކުރަށްވާފައެވެ.