ހއ. ދިއްދޫގެ ގޭތަކުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެންހޮޅިތަކުން ފައިބާ ފެން ބިމު އަޑިއަށް ހިނދޭގޮތަށް ހަދަން އެރަށު ކައުންސިލުން އަންގައިފިއެވެ.

އެކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެން ހޮޅިތައް 28 ނޮވެމްބަރ 2021 ގެ ކުރިން ބިމުގެ އަޑިއަށް ފެން ހިނދޭގޮތަށް ރަނގަޅުކުރުމަށް އަންގާ ކަމަށެވެ،

Ad
rt

އެ އުސޫލުގެ ދަށުން އެރަށުގައި އިމާރާތް ކޮށްފައިވާ ހައުސިންގް ޔުނިޓްގެ ތެރެއިންވެސް މަގުމައްޗަށް ހުންނަ ފެންހޮޅިތައް ރަނގަޅު ކުރަން ޖެހޭނެ ކަމަށްވެސް ކައުންސިލުން ވަނީ އަންގާފަ އެވެ.

ކައުންސިލުން ވަނީ އެފަދަ ކަންކަމުގައި ރައްޔިތުން ފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކޮށްފައެވެ.

ދިއްދޫއަކީ އާބާދީގައި 4200 އަށް ވުނެ ގިނަ މީހުން އާބާދީގައި ހިމެނޭ، ނިސްބަތުން ގިނަ ބަޔަކު ރަށުގައި ގާއިމްވެ ތިބޭ ތަރައްގީ ރަށެކެވެ.

ދިއްދޫއަކީ ބޮޑުތިލަދުންމަތި ދެބައިވީއްސުރެ ހއ. އަތޮޅުގެ ވެރިކަން ކުރަމުން އަންނަ ރަށެވެ.

ގޭތަކުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ދިޔަދޮވިތަކާއި ފެންހޮޅިތަކުން ފައިބާ ފެނުގެ މައްސަލައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށްތަކުގައި ދިމާވަމުން އަންނަ މައްސަލައެވެ.