ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައިކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިހެން ވިދާޅުވެފައި މިވަނީ މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ޒުވާނުންގެ ދުވަހު ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ދެއްވި ބޯހިޔާވެހިކަމުގެ އުންމީދީ ޚަބަރު ކަމަށެވެ.

Ad
rt

2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ކުޅުދުއްފުއްޓަށް 400 އެޕާޓްމަންޓް ރިޒާވްކޮށްފައި ވާކަމާއި ބޭރުގެ ފަރާތަކުން ކުޅުދުއްފުށީގައި 1000 ހައުސިންގ ޔުނިޓް އެޅުމުގެ އަގުގެ މަޝްވަރާތައް ނިމުމަކާ ހިސާބަށް އައިސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމާއި ގުޅިގެން އާތިފް ވަނީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މިހާރު ވެރިކަންކުރާ އެމްޑީޕީ ތަމްސީލްކުރައްވާ އާތިފް ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން ކުޅުދުއްފުއްޓަކީ އާބާދީގެ ގޮތުން ބޮޑު ރަށަަކަށް ވެފައި އެރަށަށް، ވަރަށް ކުރިންސުރެ ވެސް ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިކަން ފާހަގަކުރެއްވި އެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް އެންމެ ފަހުން މަޝްރޫޢުއެއް ފަށާފައިވަނީ 2011 ވަނަ އަހަރުގެ އެމްޑީޕީ ސަރުކާރުގައި ނަމަވެސް އެމަސައްކަތް ވަނީ 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއި ގުޅިގެން ހުއްޓިފައިކަމަށް ވިދާޅުވެފައިވެއެވެ. 165 ރޯހައުސް އެޅުމުގެ އެ މަޝްރޫޢުގައި 145 ރޯހައުސް ވަނީ ނުނިމި ވީރާނާވާން ދޫކޮށްލާފައިކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ އިތުބާރު ހޯދޭނީ ރައްޔިތުންގެ މުހުތާދުތައް ފުއްދައިދީގެން"

އާތިފް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން 2013 ވަނަ އަހަރުގެ އާ ސަރުކާރު ފެށި އެދައުރު ނިމިގެން ދިޔައިރުވެސް އެރަށުގެ ބޯހިޔާވަހިކަމުގެ ދަތި ކަމަށް އެއްވެސް ހައްލެއް ލިބިފައެއް ނުވާކަމަށާއި ނަމަވެސް މިހާރުގެ ސަރުކާރުން އޭގެތެރެއިން 40 ރޯހައުސް މަރާމާތުކޮށް ނިންމާ ބާކީހުރި 105 ރޯހައުސް މަރާމާތުގެ މަސައްކަތް ފެށުމާއެކު ކުޅުދުއްފުށިގެ ރައްޔިތުންނަށް އާ އުންމީދެއް ލިބިފައިވާކަމަށް ވިދާޅުވި އެވެ.