އިނގިރޭސި ލީގު ކަޕްގެ ރައުންޑް އޮފް ސިކްސްޓީންގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. ޗެލްސީ މި މެޗު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ސައުޓެމްޓަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޗެލްސީން މި މެޗަށް ނުކުމެފައި ވަނީ އެ ޓީމްގެ ފުރަތަމަ އެގާރައިގަ ހިމެނިގެން އާންމުކޮށް ކުޅެމުން އަންނަ މުހިންމު ބައެއް ކުޅުންތެރިން ނުލައެވެ. ނަމަވެސް ޗެލްސީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ސައުތެމްޓަންގެ ގޯލަސް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން މެޗުގެ ކުރީކޮޅު ޗެލްސީގެ ސައުލް ނިގުއޭޒް ބޮލުން ފޮނުވާލި ހަމަލާ ސައުތެމްޓަންގެ ކީޕަރ ފޯސްޓާރ ވަނީ ދިފާއު ކޮށްފައެވެ. އެއަށްފަހު ޗެލްސީގެ ޖަރުމަނު ފޯވާޑް ހަވާޓްޒް ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ބޮލުން ފޮނުވާލާފައެވެ. އެ ހަމަލާ ގޮސްފައިވަނީ ސައުތެމްޓަންގެ ގޯލުގެ ދަނޑި ކައިރން ބޭރަށެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި ޒިޔެޗް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ހަވާޓްޒްއެވެ. ސައުތެމްޓަންއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޗެ އެޑަމްސް ކާމިޔާބު ކުރި ލަނޑުންނެވެ.

ޕެނަލްޓީގައި ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން އެލަންސޯ، ހަޑްސަން އޮޑޯއީ، ޗިލްވެލް އަދި ޖޭމްސް ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އިރު ޕެނަލްޓީ މިސް ކޮށްލާފައި ވަނީ މައުންޓެވެ. މައުންޓް ފޮނުވާލި ޕެނަލްޓީ ސައުތެމްޓަންގެ ކީޕަރ ފޯސްޓާރ ވަނީ މަތަކޮށްފައެވެ.

ސައުތެމްޓަންއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެޑަމް އާމްސްޓްރޯންގ، ޝާނޭ ލޯންގް، އޮރިއޮލް ރޮމެއޫ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އިރު ވޮލްކޮޓް ފޮނުވާލު ޕެނަލްޓީ އަމާޒުވެފައި ވަނީ ގޯލު ދަނޑިއަށެވެ. އަދި ވިލިއަމް ސްމޯލް ބޯން ފޮނުވާލި ޕެނަލްޓީ ގޮސްފައިވަނީ ގޯލުގެ ހުރަސްދަނޑި މަތިންނެވެ.

އިނގިރޭސި ލީގުކަޕްގެ ރައުންޓް އޮފް ސިކްސްޓީންގައި އަންގާރަ ދުވަހުގެ ރޭ އާސެނަލްއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން އާސެނަލް މޮޅުވެ މުބާރާތުގެ ކުއާޓާއިން ޖާގަ ކަށަވަރުކުރި އިރު، ސަންޑަލޭންޑްސް ވެސް ވަނީ ކުއީންސް ޕާކް ރޭންޖާސް ބަލިކޮށް މުބާރާތުގެ ކުއާޓާއިން ޖާގަ ހޯދާފައެވެ.