ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ދުބާއީމޯލް ގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ރައީސް ޞާިޙްގެ ދެކަނބަލުން ވަނީ ދިވެހި ޢާއިލާތަކާ ޚިޔާލުބަދަލުކުރައްވައި އެ ބޭފުޅުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް ޞާލިޙްގެ ދެކަނބަލުން ޔޫ.އޭ.އީ.އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ޞާލިޙް އިއްޔެ ވަނީ ދުބާއީ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ފުޅުވެސް ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި ކަމަށާއި އަދި އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ވިދާޅުވެފަ ވެއެވެ.

ރައީސް ޞާލިޙް ވަނީ ޔޫ.އޭ.އީގެ ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު ދުބާއީ އެކްސްޕޯ 2020ގައި ބަހައްޓާފައިހުރި ރާއްޖޭގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވައި އެތަން ވެސް ބައްލަވާލައްވާފައެވެ.