ރެއާލްއާއި ސިޓީއަށް ފަސޭހަ މޮޅެއް

IMG_20211020_123940_406

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ޝަޚްތަރ ޑޮނެސްކް ބައްދަލުކުރި މެޗު ރެއާލުން ފަސޭހަކަމާއި އެކު ކާމިޔާބުކުރި އިރު، މެންޗެސްޓާ ސިޓީއާއި ކުލަބް ބުރޫޖް ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ސިޓީން ކާމިޔާބު ކޮށްފިއެވެ.

ޝަޚްތަރގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގައި ރެއާލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގެ ބޮޑުބައި ޝަޚްތަރއިން ރެއާލް ހިފެހެއްޓި ނަމަވެސް ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ޝަޚްތަރގެ ކެޕްޓަން ކްރިސްޓޯވް އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ރެއާލަށް ވަނީ ލީޑު ލިބިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ފަހު ހާފުގައި ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މެޗުގައި ރެއާލުން ކާމިޔާބުކުރި ދެވަނަ ލަނޑު 51 ވަނަ މިނެޓުގައި މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސް ޖޫނިއާރއެވެ. ވިނީސިއަސް ވަނީ އޭގެ ފަސްމިނެޓް ފަހު އިތުރު ލަނޑެއް ޖަހައި ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. ރެއާލުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 65 ވަނަ މިނެޓުގައި ވިނީސިއަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރިގޯއެވެ. ރެއާލުން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި އެސެންސިއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ.

މިވަގުތު ގްރޫޕް ޑީގެ ޕޮއިންޓް ޓޭބަލް އޮތްގޮތަށް ބަލައިލާއިރު އެއްވަނާގައި އޮތީ އަންގާރަ ދުވަހުގެ ރޭ އިންޓަ މިލާން އަތުން 3-1 ގެ ނަތީޖާއިން ބަލިވި ޝެރިފްއެވެ. ޝެރިފްއަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއާލަށް ވެސް ލިބިފައި ވަނީ ތިން މެޗުން ހަ ޕޮއިންޓެވެ. އިންޓަ މިލާން ތިންވަނާގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކުއެވެ. މި ގްރޫޕުގެ ފުލުގައި އޮތީ ކުޅުނު ތިން މެޗުން އެއް ޕޮއިންޓް ލިބިގެން ޝަޚްތަރއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ކުލަބް ބްރޫޖްގެ މައްޗަށް މެންޗެސްޓާ ސިޓީން ކާމިޔާބު ހޯދާފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީން ކާމިޔާބުކުރި ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ފިލް ފޮޑެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކެންސެލޯ ކާމިޔާބު ކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި ދެ ލަނޑުގެ ލީޑެއް ހޯދާފައވެ. 43 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ މަހްރޭޒްއެވެ.

މެޗުގައި ސިޓީން ކާމިޔާބުކުރި ތިންވަނަ ލަނޑު 53 ވަނަ މިނެޓުގައި ޑި ބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވޯލްކާރއެވެ. ހަތަރުވަނަ ލަނޑު 67 ވަނަ މިނެޓުގައި ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އުމުރުން 19 އަހަރުގެ ކޯލް ޕަލްމާރއެވެ.

މެޗުގައި ބްރޫޖުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ހެންސް ވެނަކެންއެވެ. މެޗުގައި ސިޓީން ކާމިޔާބުކުރި ފަސްވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މަހްރޭޒްއެވެ.

ގްރޫޕް އޭ ގެ އެއްވަނާގައި މިވަގުތު އޮތީ އަންގާރަ ދުވަހުގެ ރޭ އާރުބީ ލެއިޕްޒިގް މައްޗަށް 3-2 ގެ ނަތީޖާއިން ކުރި ހޯދި ޕީއެސްޖީއެވެ. އެ ޓީމަށް ލިބިފައި ވަނީ ތިން މެޗުން ހަތް ޕޮއިންޓެވެ. ދެވަނާގައި ސިޓީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކުއެވެ. ތިންވަނާގައި ކުލަބް ބުރޫޖް އޮތީ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކުއެވެ. ޓޭބަލްގެ ފުލުގައި އޮތީ ކުޅުނު ތިން މެޗުން ވެސް ބަލިވި ލެއިޕްޒިގްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *