ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހާއި ގުޅުވައިގެން ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ފޮޓޯ ނެގުމުގެ ޗެލެންޖެއް ބާއްވަން ނިންމައިފިއެވެ.
އެ ކޮމިޓީން ވިދާޅުވީ މި ފޮޓޯ ޗެލެންޖަކީ އަންހެން ކަނބަލުންނަށް ޚާއްސަ ކޮށްގެން ބާއްވާ ފޮޓޯ ޗެލެންޖެއް ކަމަށެވެ.
މި ޗެލެންޖްގައި ފޮޓޯ ނަގަންޖެހެނީ "ނަޞްރުގެ ދުވަސް" މި ތީމް އާއި ގުޅުވައިގެންނެވެ. ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ އެންމެ ފޮޓޯ އެކެވެ. އަދި ފޮޓޯ ހުށަހަޅާއިރު ހުންނަންވާނީ 'ޖޭޕީޖީ' ނުވަތަ 'ޕީއެންޖީ' ފައިލް ފޯމެޓަށެވެ.
މި ފޮޓޯ ޗެލެންޖުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ wdc.nolhivaranfaru2021@gmail.com މި އީމެއިލްއަށް ފޮޓޯ މެއިލް ކުރަންޖެހޭނެއެވެ.
މި ޗެލެންޖުން ވަނަ ވަނަ އަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ނިންމާފައިވާއިރު، އެގޮތުން، 1 ވަނަ އަށް -/700 ރުފިޔާ، 2 ވަނަ އަށް -/500 ރުފިޔާ އަދި 3 ވަނަ އަށް -/300 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއިން ސަލާމަތްވެ، ދުޝްމިނުންގެ ކިބައިން ނަޞްރު ލިބިގެން ދިޔަ ދުވަހެވެ.
ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަކީ ވަރަށް ހަރަކާތްތެރި ކޮމެޓީއެކެވެ. އެ ކޮމެޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!