އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅެއްއަރައި، ހިނގި ހާދިސާގައި ނިޔާވި މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާ ޖަނާޒާ ބާއްވައިފިއެވެ.

އެމްއެންޑީއެފް ކޯސްޓް ގާޑްގެ އެހީތެރިކަމާއެކު ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ މިއަދު ހެނދުނު 7:30 ހާއިރު އެވެ.

Ad
rt

ނާހިދާގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު އަސުރު ނަމާދުފަހުގައެވެ. އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ނާހިދާގެ ކަށުނަމާދު ކުރުމަށްފަހު ވަޅުލާފައި ވަނީ އާސަހަރާގައެވެ.

ނާހިދާގެ ޖަނާޒާގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އިރު ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވި އެވެ.

ނާހިދާގެ މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތު ނާހިދާގެ މޫނު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ދެކަނބަލުންނާއި ނާއިބު ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަޑައިގަތެވެ.

އިއްޔެ ހިނގި މި ހިތާމަވެރި ހާދިސާގައި ލޯންޗަށް އެރި ރާޅަކާއެކުގައި 3 މީހަކު ކަނޑަށް ވެއްޓުނެވެ. އެއީ ނާހިދާއާއި އޭނާގެ ދެދަރިންނެވެ. ނާހިދާއާއި އެއް ދަރިފުޅު ފެނުނު ނަމަވެސް އަނެއް ދަރިފުޅު އަދިވެސް ނުފެނެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވަމުންދާ ކަމަށާއި، އެ ސަރަހައްދުގެ ކަނޑު ވަރަށް ގަދަ ކަމަށެވެ.

އިއްޔެ މި ހާދިސާ ހިނގީ "ޑްރީމް ސްޕީޑް 2" ކިޔާ ލޯންޗެއް މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރު ކުރަމުން ދަނިކޮށް އޮޅުވެލި ރިސޯޓު ކައިރިންނެވެ. މި ލޯންޗުން ދަތުރު ކުރަމުން ދިޔައީ ނާހިދާއާއި، އޭނާގެ ދެ ދަދަރިން ހިމެނޭހެން ޖުމްލަ 12 މީހުންނެވެ.