ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކްރެޑިޓް ކާޑުތަކުން ބޭރުގައި ވިޔަފާރި ކުރެވޭ ލިމިޓު މިއަދުން ފެށިގެން އިތުރުކޮށްފިއެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އެމެރިކަން އެކްސްޕްރެސްގެ ގްރީން އަދި ގޯލްޑް ކާޑު ގެންގުޅޭ ކަސްޓަމަރުންނާއި ވިސާގެ ކްލެސިކް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނާއި މާސްޓަކާޑުގެ ސްޓޭންޑަޑް އަދި ގޯލްޑް ގެންގުޅޭ ކަސްޓަމަރުންނަށް 750 ޑޮލަރާ ހަމައަށް ބޭރު ގައުމުތަކުގައި މުއާމަލާތް ކުރެވޭނެ ކަމަށެވެ. ނަމަވެސް ޑެބިޓް ކާޑުގެ އަދަދުތަކަށް ބަދަލެއް ނުގެނެެއެވެ.
ރާއްޖެއަށް ޑޮލަރު ލިބުމުގައި ހުރި ދަތިކަމުގެ ސަބަބުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބީއެމްއެލް އިން ވަނީ ބޭރުގެ މުއާމަލަތްތަކަށް ކްރެޑިޓް ލިމިޓެއް ކަނޑައަޅާފައެވެ. އެގޮތުން، ފުރަތަމަ ލިމިޓެއްގެ ގޮތުގައި 250 ޑޮލަރު ކަނޑައެޅި އިރު މިދިޔަ ޖުލައި މަހު ވަނީ އެ އަދަދު 500 ޑޮލަރަށް އިތުރުކޮށްފައެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑުތަކުގެ ތެރެއިން ދިވެހި ރުފިޔާ އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ބޭނުން ކުރާ، ރާއްޖޭގައި އުޅޭ ކަސްޓަމަރުންނަށް އަދިވެސް މަހަކު ލިބޭނީ 250ޑޮލަރެވެ. އަދި ބޭރުގައި އުޅޭ ކަސްޓަމަރުންނަށް ލިބޭނީ 750 ޑޮލަރެވެ. ނަމަވެސް ބޭސް ފަރުވާއަށާއި ކިޔެވުމުގެ ކަންކަމަށް ލިމިޓު އިތުރު ކޮށްދޭނެއެވެ.
ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ޑޮލަރު އެކައުންޓު ގެންގުޅޭ ކަސްޓަމަރުންނަށް ޑެބިޓް ކާޑުތަކުން ދުވާލަކު 3000 ޑޮލަރު ބޭނުން ކުރެވޭނެއެވެ.
ބޭންކުން ޑޮލަރު ލިމިޓު ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!