ށ. ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން އެރަށުގައި ހިންގާ ފަހާ ކޯސް އިއްޔެ ފެށިއްޖެއެވެ.
25 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފަހާ ކޯހުގައި އެރަށުގެ 30 ކަނބަލަކު ވަނީ ބައިވެރިވެފައެވެ.
ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޚަދީޖާ މޫސާ "ތިލަދުން"އަށް މި ކޯހާބެހޭ މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ.
މިގޮތުން އެ ކޮމެޓީއިން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެރަށަށް އައިސް ފަހާ ކޯސް ހިންގަމުން ދަނީ މާލޭގައި ފެހުމުގެ ދާއިރާގައި އުޅޭ ތަޖުރިބާކާރު ބޭފުޅެއްކަމަށް ވެސް އަންހެނުންގެ ކޮމިޓީގެ ރައީސާ ޚަދީޖާ ވިދާޅުވިއެވެ.
ބިލެތްފަހި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ތަކެތި ފޯރުކޮށްދީގެން ކުރިއަށްދާ މި ފަހާ ކޯހަށް ށ. ބިލެތްފަހި ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް އަންހެނުންގެ ކޮމިޓީއިން ވަނީ ފާހަގަކުރައްވާފައެވެ.
ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން އެރަށުގައި ވަނީ ޕިކްނިކްއޭރިޔާއެއް ވެސް ތަރައްޤީކޮށްފައެވެ.
"ޖޯލިބޯޗް" ނަމުން ނަންދީފައިވާ މި ޕިކްނިކް އޭރިއާ ރަސްމީކޮށް ހުޅުވައި ބޭނުންކުރަންފެށީ މިއަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅެވެ.
ބިލެތްފަހި ތުނޑީ ސަރަހައްދުގައި ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ މި ބީޗުގައި ދަރުން ކެއްކޭފަދަ ގޮތަކަށް ބަދިގެއެއް ވަނީ ހަދާފައެވެ. އަދި ދަތުރުދާ ފަރާތްތަކަށް ނަމާދުކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން އެތަނުގައި ވަނީ ކުޑަ މިސްކިތެއްވެސް ހަދާފައެވެ.
ގިނަ އަދަދެއްގެ ޖޯލިފަތިތަކާއި އިށީއިންނާނެ ގޮންޑިތަކާއި ހަޓު ހެދިފައިވާ މި ބީޗަކީ ޕިކްނިކް ނުވަތަ ދަތުރުދާ ފަރާތްތަކަށް ވަރަށް އެކަށޭނަ ގޮތަކަށް ތަރައްޤީ ކޮށްފައިވާ ތަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!