ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި މާލޭ ސިޓީގެ ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ، 'މަސްޖިދު މުޙައްމަދު' މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، އިއްޔެ ހަވީރު ހުޅުމާލޭގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ރައީސް ޞާލިޙް ވަނީ މި މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި އިއްޔެގެ އަޞުރު ނަމާދު ކުރައްވާފައެވެ.
'މަސްޖިދު މުޙައްމަދު' މިސްކިތަކީ، ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި ޢިމާރާތްކޮށްފައިވާ، 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ޚާއްޞަކޮށް ނަމާދުކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

މި މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 18 ޖުލައި 2019 ގައެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރިކަންކަން ވަނީ މުޅިން ފުރިހަމަކޮށް ނިންމާފައެވެ.
އިއްޔެ ރަސްމީކޮށް މި މިސްކިތް ހުޅުވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހުޅުމާލޭގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރި މިސްކިތް، ފޮޓޯ: ރައީސް އޮފީސް
ހުޅުމާލޭގައި ހެޔޮއެދޭ ފަރާތަކުން މިސްކިތެއް ބިނާކޮށް ހުޅުވާފައިވާއިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ހެޔޮއެދޭ ފަރާތްތަކުން މިގޮތައް ހިލޭސާބަހަށް މިސްކިތް ބިނާކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެ.
މިގޮތުން ރާއްޖޭގެ އުތުރުން ހދ. ނޮޅިވަރަންފަރުން ވެސް އަންނަނީ އެރަށުގައި މިސްކިތެއް ބިނާކުރުމަށް ބޭނުންވެގެން އެ މަސައްކަތް ކުރަމުންނެވެ. ނޮޅިވަރަންފަރު ކައުންސިލުން ވަނީ ދެފަހަރެއްގެ މަތިން މާތް ﷲ އަށް ޓަކާއި އެރަށުގައި މިސްކިތެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.
މިގޮތުން މި މިސްކިތް ބިނާކުރުމުގެ ފަންޑަށް އެހީވުމުގެ ފުރުސަތު ސަރުކާރުގެ ކުންފުނިތަކާއި، މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ކުލަބް ޖަމްޢިއްޔާ ޖަމާތްތަކާއި، ޢާއްމު ފަރުދުންނަށްވަނީ ހުޅުވާލާފައެވެ.
މިކަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް info@nolhivaranfaru.gov.mv އަށް މެއިލް ކުރެއްވުން ނުވަތަ 6520050، 6520054 އަށް ގުޅުމަށް ނޮޅިވަރަންފަރު ކައުންސިލްގެ އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!