ހިޔާ ފްލެޓަކަށް ފޮނުވި ހަ ލައްކަ ރުފިޔާގެ ބިލަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފޮނުވި ބިލެއް ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓުތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެން ބިލު އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފައެވެ. އަދި އެފަދަ މައްސަލައެއް ފާހަގަ ވާނަމަ އެކަން އެންގުމަށް ވެސް ވަނީ އެދިފައެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނިން ފޮނިވި ކަމަށް ބުނާ 6 ލައްކަ ރުފިޔާގެ ފެން ބިލަކީ އެ ކުންފުނިން ފޮނުވާފައިވާ ބިލެއް ނޫން ކަމަށެވެ. އަދި ހިޔާ ފްލެޓުތަކުގެ ތެރެއިން އާދަޔާ ހިލާފަށް ފެންބިލު ބޮޑުވެފައި ވާކަމަށް ފާހަގަ ވެފައިވާ ފަރާތްތަކަށް ބިލުކޮށްފައި ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެއްވެސް ފްލެޓެއްގެ ބިލު އާދަޔާ ހިލާފަށް ބޮޑު ނަމަ ފްލެޓުގެ ވެރިފަރާތައް ގުަޅައިގެން އެކަން ވެެރިފަރާތުގެ ސަމާލުކަމަށް ގެންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފެންބިލުތަކުގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަ ކުރެވޭނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަމްބަރި 105 އަށް ގުޅުމަށް އެމްޑަބްލިޔުއެސްސީން ވަނީ އެދިފައެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އަދި އެ ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއެކު ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!