ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހީމް ޝާހިދު 14 ދުވަހުގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނިކުތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަނާކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުއާ ޙަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަޙުޤީޤަށް ލިބުނު މަޢުލޫމާތުގެ އަލީގައި މެޖިސްޓްރޭޓް ޝާހިދު، ކްރިމިނަލް މައްސަލަތައް ކުރިޔަށް ގެންގޮސްފައި ނުވާކަމުގައި ކުރެވިފައިވާ ތުހުމަތަށް އިޢުތިރާފް ވެފައިވާ ކަމަށެވެ.

Ad
rt

މީގެއިތުރުން މެޖިސްޓްރޭޓް ޝާހިދުއާއި ޙަވާލު ކުރެވޭ ކްރިމިނަލް މައްސަލަތައް ބަލަމުން ނުދާކަމުގައި ތަޙުޤީޤަށް ހޯދުނު އެހެނިހެން ހޯދުންތަކުންވެސް ސާބިތު ވާކަމަށް ކަމަށް ޖޭއެސްސީގެ އެ ބަޔާނުގައި ބުނެފަވެއެވެ.

މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއް ކަމުގައި ވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން އޭނާގެ މައްޗަށް ފިޔަވަޅު އަޅާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އޭނާއަށް އަޅަން ނިންމި ފިޔަވަޅަކީ، މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މަސައްކަތަށް ނުކުތުން 14 ދުވަހަށް މަނާކުރުމެވެ.

ޝާހިދުގެ މައްޗަށް މި ފިޔަވަޅު އަޅަން ޖޭއެސްސީ ނިންމީ، 2021 އޮކްޓޫބަރު 10 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ 77 ވަނަ ބައްދަލުވުމުގައެވެ.