ކޯވިޑް19 ގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗް.އީ.އޯ.ސީ)އިން ވޮލަންޓިއަރުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗް.އީ.އޯ.ސީއިން ބުނީ އެ އިދާރާގައި އަދި އެޗް.އީ.އޯ.ސީގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް އެ ސެންޓަރުން ނިންމާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން އެކުލަވާލެވޭ ދަފުތަރުގައިވާ ފަރާތްތަކަށް އެ ސެންޓަރުން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން އެވަގުތެއްގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް ރިޔާއަތްކޮށް ވޮލަންޓިއަރުން ނަގަމުންދާނެ ކަމަށް އެޗް.އީ.އޯ.ސީން ބުނެއެވެ.

އެހެންކަމުން އެޗް.އީ.އޯ.ސީގައި އަދި އެޗް.އީ.އޯ.ސީގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ރެޖިސްޓަރ ވުމަށް އެ ސެންޓަރުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެޗް.އީ.އޯ.ސީގައި ވޮލަންޓިއާކޮށް މަސައްކަތްކުރުމަށް ބޭނުން ފަރާތްތަކަށް، މި ލިންކް https://forms.gle/ZacjRmkUu2kduz18A މެދުވެރިކޮށް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެވޭނެ އެވެ.

އެޗް.އީ.އޯ.ސީ ގައި ވޮލެންޓިއަރ ކުރެވޭނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައި ތިބި ފަރާތްތަކަށެވެ. އޮންލައިން ކޮށް ރަޖިސްޓަރވާ ފޯމާއި އެކު، ވެކްސިން ކާޑުގެ ފޮޓޯ ހިމަނަންޖެހެއެވެ.