ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވިދާޅުވި ގޮތުގައި މިއަދު ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ 72 އަހަރުގެ ދިވެހި އަންހެނެކެވެ.
އޭނާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 10:57 ގައެވެ.
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 234 އަށް އަރާފައެވެ.
ކޯވިޑް ބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެއީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ހެނދުނު ނިޔާވި މީހެކެވެ. އިއްޔެ ނިޔާވެފައި ވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 97 އަހަރުގެ ފިރިހެނެކެވެ.
ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސަރުކާރުން މިހާރު ނިންމާފައިވާއިރު، ގިނަ ލުއި ތަކެއް ވެސް ވަނީ ދީފައެވެ. ނަމަވެސް ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށް ކޯވިޑް-19އިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ބޫސްޓާ ޑޯޒެއް ދިނުމަށް އެޗްޕީއޭއިން މިހާރު ވަނީ ނިންމާފައެވެ. މިގޮތުން މި ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް މިހާރު ހުޅުވާލާފައިވާއިރު، މި ޑޯޒް ގައި ޖަހާނީ ފައިޒާ ވެކްސިންއެވެ.
އެގޮތުން ފައިޒާ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައި 6 މަސްދުވަސް ހަމަކޮށްފައިވާ މީހުންގެ ތެރެއިން އެޗްޕީއޭއިން ކަނޑައެޅި ކެޓަގަރީތަކުގެ މީހުން ބޫސްޓާ ޑޯޒް ޖެހުމަށް ނަން ނޯޓްކުރުމަށް ވަނީ ހުޅުވާލާފައެެވެ.
ބޫސްޓާ ޑޯޒު ޖަހާ މީހުންގެ ތެރޭގައި، ދިފާއީ ނިޒާމު ބަލިކަށި މީހުން، 60 އަހަރުން މަތީގެ މީހުން ، އޮކްސިޖަން ތެރެޕީ ނަގާ މީހުން، ގަވައިދުން ޑައިލިސިސް ހަދާމީހުން، ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން، ދިފާއީ ބާރު ބަލިކަށި ކޮށްލާ ފަދަ ބޭސް ބޭނުން ކުރާ މީހުން، ބީ.އެމް.އައި 40 އަށް ވުރެ މަތި ނުވަތަ އާދަޔާ ޚިލާފަށް ބަރު މީހުން، ކެންސަރަށް ފަރުވާކުރާ ނުވަތަ ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ކުރާ މީހުން، ބައްޔެއްގެ ސަބަބުން އެނދުމަތިވެފާ ތިބެ މީހުން، ހަކުރުބައްޔާއި ގުޅިގެން އެއްވެސް ގުނަވަނަކަށް ގެއްލުންވެފައި ތިބި މީހުން، ފުރަމޭގެ ބައްޔެއްގައި ފަރުވާ ދީފައިވާ މީހުން އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ޙިދުމަތްދޭ ފަރާތްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!