މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފެއްދެވި މި ޕާޓީގެ އުފެއްދުމުގެ ބައްދަލުވުމުގައި ވަނީ ޕާޓީގެ ނަން، ނިޝާން، ދިދަ އަދި އަސާސީ ގަވާއިދު ފާސްކޮށް އިސް ގުނަވަންތަކަށް މެންބަރުން އިންތިޚާބު ކޮށްފައެވެ.
މިގޮތުން އެ ބައްދަލުވުމުގައި އެމްއެންޕީގެ އިންތިޤާލީ ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ އެ ޕާޓީގެ އެއް މުއައްސިސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. އެ މަޤާމަށް ވާދަކުރެއްވީ ވެސް އޭނާ ގިނިކަންޏާއެވެ.
އެމްއެންޕީގެ އިންތިޤާލީ 6 ނައިބު ރައީސުން ގޮތުގައި އިންތިޚާބު ވެފައި ވަނީ، މެދު ދެކުނު ސަރަހައްދު ތަމްސީލް ކުރެއްވުމަށް ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަދި އެ ޕާޓީ އުފެއްދުމުގައި ލީޑްކުރައްވާ އަބުދުﷲ ރިޔާޟްއާއި، ދެކުނު ސަރަހައްދު ތަމްސީލް ކުރެއްވުމަށް އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފް)އާއި، މެދު ސަރަހައްދު ތަމްސީލްކުރެއްވުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، އުތުރު ސަރަހައްދު ތަމްސީލް ކުރެއްވުމަށް ހުސައިން އިސްމާއީލްއާއި، މަތި އުތުރު ސަރަހައްދު ތަމްސީލް ކުރެއްވުމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިތުރުން ނައިބު ރައީސުންގެ ތެރެއިން އަންހެނުނަށް ހާއްސަ މަޤާމަށް މިރުފަތު އިސްމާއީލް ޝަފީޤްއެވެ.
ނައިބުރައީސުން ކުރެ އިންތިޚާބު އޮތީ މަތި އުތުރު ސަރަހައްދާއި، ނައިބު ރައީސުންގެ ތެރެއިން އަންހެނުނަށް ހާއްސަ މަޤާމަށެވެ. އަނެއް 4 މަޤާމަށް އިތުރު ބޭފުޅަކު ވާދަނުކުރަށްވާތީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިހާބީ މަގާމަކަށް އެއް ބޭފުޅަކު ކުރިމަތިލައިފިނަމަ އިންތިހާބަކާ ނުލައި އެ ބޭފުޅަކު ހޮވޭނެކަމަށް އޮތް މާއްދާގެ ދަށުން އެ 4 ބޭފުޅުން ވަނީ އިންތިޚާބަކާ ނުލާ އިންތިޚާބުވެފައެވެ.
އިންތިޚާބު އޮތީ މަތި އުތުރު ސަރަހައްދަށާއި، އަދި ނައިބު ރައީސުންގެ ތެރެއިން އަންހެނުނަށް ހާއްސަ މަޤާމަށެވެ. މި ގޮތުން މަތި އުތުރު ސަރަހައްދުގެ ނައިބު ރައީސްގެ މަގާމު ސިދާތާ މަގާމު ކަށަވަރު ކުރެއްވީ އަހްމަދު އަނޫޝްގެ އިތުރުން މުހައްމަދު ސައީދުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ނައިބު ރައީސުންގެ ތެރެއިން އަންހެނުނަށް ހާއްސަ މަޤާމު ކަށަވަރު ކުރެއްވި މިރުފަތު ކާމިޔާބު ހޯއްދެވީ އައިޝަތު ހުސައިން މަނިކު ބަލި ކުރައްވައިގެންނެވެ.
އެމްއެންޕީގެ އިންތިޤާލީ ޔޫތު ލީޑަރަކަށް އިންތިޚާބުވީ އުމަރު އަޙްމަދެވެ. އިންތިޤާލީ އަންހެނުންގެ ވިންގްގެ ލީޑަރަކަށް އިންތިޚާބުވީ ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.
އެމްއެންޕީގެ އިންޓެރިމް ލީޑަރޝިޕް pic.twitter.com/ogZBT3GXZU
— Maldives National Party (@MNP_Secretariat) October 9, 2021
އެމްއެންޕީގެ އިންތިޤާލީ އެގްޒެކްޓިވް ކައުންސިލަށް އިންތިޚާބު ބޭފުޅުން:
- އިބްރާހީމް މުހައްމަދު
- އަޝްރާ އަޙްމަދު
- އިސްމާއީލް ސަބާޙް
- އަހްމަދު ސާލިމް ސައީދު
- އަހްމަދި ހުޝާމް
- އަބުދުﷲ ޝުހޫދު
- މުހައްމަދު ހާނިމް
- ހުސައިން ފަޔާޟް
- މުހައްމަދު މަނިކު
- އަހްމަދު އަމްޖަދު
- އަލީ އަބުދުއްލަތީފް
- މުހައްމަދު ނިޒާމް
- އަހްމަދު ރިޔާޟް
- އަޝްރަފް މުހައްމަދު ޢަލީ
- އިފާ ޝަރީފް
- ފާތިމަތު ރިފާއު
- އާއިޝަތު ސައްމަ
- އައިމިނަތު ސާއިދާ
- އައިމިނަތު އަޒީމާ
- ފާތިމަތު ނާޒްނީން
- ޝިޔާމާ އަލީ
އެމްއެންޕީގެ އިންތިޤާލީ އެގްޒެކެޓިވް ކައުންސިލް pic.twitter.com/4CXp41noZp
— Maldives National Party (@MNP_Secretariat) October 8, 2021
އެމްއެންޕީ އިން އިސްކަންދޭ މައިގަނޑު 10 އަސާސް
- އިސްލާމީ ރިވެތި އަގީދާގައި ސާބިތުވެ 100 ޕަސަންޓް އިސްލާމީ ދައުލަތެއް ދެމެހެއްޓުން
- ބައިނަލްއަގްވާމީ މުޖުތަމައުގައި ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން އަމިއްލަ ގައުމެއް ދެމެހެއްޓުން
- ކަރަޕްޝަނުން އެއްކިބާވެފައިވާ ދައުލަތެއް އަދި ރައްޔިތެއް ބިނާކުރުން
- ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމުކުރުން
- ހުރިހާ ދިވެހިންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ ހައްގުތައް ކަށަވަރުކުރުން
- ދިރިއުޅުމަށް ހިތްފަސޭހަ ގެއެއް ކަށަވަރުކޮށްދީ ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބޭ ގައުމެއް ބިނާކުރުން
- ވަޒީފާގެ ފުރުސަތު ހޯދައިދީ މިނިވަންކަމާއެކު ވިޔަފާރިކުރެވޭނެ ސިޔާސަތު ފަހިކޮށްދިނުން
ސިފައިންނާއި ފުލުހުންގެ ގާބިލްކަން އިތުރުކޮށް، ގާނޫނު ތަންފީޒު ކުރާ އިދާރާތައް ބާރުވެރިކުރުވުން - ރާއްޖޭގެ ސަރަހައްދީ އިމަކީ އަމާނާތެއްގެ ގޮތުގައި ދެކި އުމުރާނީ އަދި އިގްތިސޯދީ ތަރައްގީއަށް އިސްކަން ދިނުން
- ގައުމު ބިނާކުރުމުގައި އެންމެން ބައިވެރިކުރުވުމަށްޓަކައި ހުނަރުވެރި އަދި ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ހެދުން
އެމްއެންޕީ ރަޖިސްޓަރީކުރުމަށް 5000 އަށްވުރެ ގިނަ ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިހިނގާ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ.
އެމްއެންޕީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤަޢުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެ ޕާޓީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!