ދިވެހި ޤައުމީ ފުޓު ބޯޅަ ޓީމުގެ ސަޕޯޓަރުންގެ އެދުމަށް، މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗުގެ އިތުރު 1000 ޓިކެޓް ދޫކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އެފްއޭއެމް އިން ވިދާޅުވީ ދިވެހިރާއްޖޭގައި މި މަހުގެ 1-އިން 16 އަށް ކުރިއަށްދާ ސާފް ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގައި ލަންކާ އަދި ރާއްޖެ ވާދަކުރާ މެޗް ބެލުމަށް ކުޅުންތެރިންގެ އާއިލާ އާއި އެފްއޭއެމުގެ ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓުގެ އިތުރުން ކުޅިބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާ ކަމަށެވެ.

Ad
rt

އެހެންނަމަވެސް، މި މެޗު ބަލަން ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީވެ އެކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސްޕޮންސަރުންނާއި ކުލަބުތަކަށް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް މިހާރުވާނީ ނިންމާފައިވާކަމަށް އެފްއޭއެމް އިން ވިދާޅުވިއެވެ.

އަދި މި 1000 ޓިކެޓް ވިއްކާނީ މީހަކަށް ޓިކެޓެއްގެ މަގުން ކަމަށާއި ޓިކެޓް ވިއްކުން މިރޭ 20:00 ފެށިގެން ސޯޝަލް ސެންޓަރުގައި ކުރިއަށް ދާނެ ކަން ފާހަގަކުރެއްވި އެވެ. އެފްއޭއެމްގެ ނިންމުން އިޢުލާން ކުރުމާއިއެކު ސޯޝަލް ސެންޓަރު ސަރަހައްދުގައިވަނީ ކިއު ހަދާފަ އެވެ.

މިއަދު ހެނދުނު ވިއްކަން ފެށި ޓިކެޓް ގިނަ ސަޕޯޓަރުންނަށް ނުލިބި ހުސްވުމާއި ގުޅިގެން ބައެއް ސަޕޯޓަރުން ވަނީ ގަލޮޅު ދަނޑަށް ގަދަކަމުން ވަދެގަނެފައެވެ. އަދި އެއްބަޔަކު ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި އެފްއޭއެމްގެ ރައީސްގެ އިސްތިއުފާ އަށް ގޮވާ މުޒާހަރާވެސް ކޮށްފައެވެ.