ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަމުން ދިޔަ މީހެއް އައްޑޫ ސިޓީގައި ނިޔާވެއްޖެއެވެ.

މިއަދު ނިޔާވި މީހާ އަކީ ފުވައްމުލަކު ސިޓީން، އައްޑޫ ސިޓީގެ އިކުއޭޓްރިއަލް ހޮސްޕިޓަލަށް އިތުރު ފަރުވާ ދިނުމަށް ގެންދެވުނު މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

ނިޔާވެފައި ވަނީ ޏ. ފުވައްމުލައް، ހިމިތީގެ، މިސްކިތްމަގު އުމުރުން 97 އަހަރުގެ އިބްރާޙީމް މުޙައްމަދު (ހިމިތީގެ އިބްރާޙީމް)އެވެ. އޭނާ ނިޔާވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ.

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 233 އަށް އަރާފައެވެ.

ކޯވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ދަށްވެފައިވާއިރު، މިބަލީގައި ރާއްޖެއިން މީހުން ނިޔާވަމުން އަންނަ މިންވަރުވެސް ދަށްވެފައެވެ.

ކޯވިޑް ބަލީގައި އިތުރު މީހަކު ރާއްޖެއިން ނިޔާވިއިރު، އެންމެފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވީ މިމަހު 4 ވަނަ ދުވަހުއެވެ. އެއީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.